ޚަބަރު

ވެކްސިނާ ގުޅޭގޮތުން ޕީޕީއެމުން ދެއްކި ވާހަކަތަކަށް ޔުމްނާ މައުމޫން ފާޑު ވިދާޅުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އެއް ލައްކަ ޑޯޒްގެ "ކޮވިޝީލްޑް" ވެކްސިނާ ގުޅޭގޮތުން، އިދިކޮޅު ޕީޕީއެމުން ދެއްކި ވާހަކަތަކަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ފާޑު ވިދާޅުވެއްޖެއެވެ.

އެގޮތުން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ޕޯޑިއަމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވެކްސިން ޖަހަން އުޅެނީ އޮޅުވާލުމެއްގެ ތެރެއިން، ރައްޔިތުންނަށް ވާނުވާ ނާންގާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން، އެ ބޭފުޅުން ހައްދަވާފައި ހުރި ދިރާސާތަކުގެ އަލީގައި، މި ސަރުކާރުން ކޮވިޑް ވެކްސިނާ ގުޅޭ ގޮތުން އޮޅުވާލުންތަކެއް ގެންގުޅޭކަން އެނގޭ" ކަމަށް ވެސް ޝިޔާމް ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން، ރައްކާތެރިކަން ކަށަވަރުވެފައި ނެތް ވެކްސިނެއް ޖަހަން ދިވެހިންނަށް މަޖުބޫރު ކުރަނީ ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވާފައި ވެއެވެ.

އިދިކޮޅުގެ މިވާހަކަތައް ހިމެނޭ ޚަބަރެއް ހިއްސާ ކުރައްވަމުން، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ ވަނީ ޕީޕީއެމް އަށް ފާޑު ވިދާޅުވެފައެވެ.

"ޕީީ.ޕީ.އެމް ގެ ސައެންޓިސްޓުންގެ ޓީމުން ޕީޕީ.އެމް ގެ ލެބްގައި ވެކްސީންއެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭހަ ވީސް ނޫންތޯ؟" ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ޕީޕީއެމް ހިންގެވިއިރު ޔުމްނާ ވަނީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު އަދާ ކުރައްވާފައެވެ. ނަމަވެސް މިހާރު އެކަމަނާއަކީ ބައްޕާފުޅު މައުމޫންގެ ހިންގަވާ އެމްއާރްއެމް ގެ ނައިބު ރައީސާ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!