ހަމީދު ފުލުހުންގެ ވެރިއަކަށް ހުރުމަކީ ވަރަށް ބޮޑު ނުރައްކަލެއް: އަދުރޭ
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު (ސީޕީ ހަމީދު) ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަކީ މުޖްތަމައުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެކްސިންގެ ރައްކާތެރިކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށް ނުދެނީސް ދިވެހިން ގަޔަށް ޖެހުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރި އިހުތިޖާޖުގެ ތެރެއިން އެ ދެމީހުން ހައްޔަރު ކުރުމަށް ފަހު، މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބޭއްވި އަޑުއެހުމުގައެވެ.
އެގޮތުން ޝުޖާޢުއާއި އަދުރޭ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޓްރެފިކަށް ދަތިކުރި ކަމަށާއި އެ ދެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިގޮތަށް ވިދާޅުވިތާ ދެ ދުވަސް ފަހުން މިރޭ އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީޕީ ހަމީދަކީ ދައުލަތުގެ ސިއްރު ހާމަ ކުރަން ނުޖެހޭ ފަރާތްތަކަށް ހާމަ ކުރިކަން ސާބިތުވެގެން ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވާ މީހެއް ކަމަށެވެ.