ޚަބަރު

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ކަރަންކާ ރަޝީދު އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިބްރާހިމް ރަޝީދު (ކަރަންކާ ރަޝީދު) އަވަހާރަ ވެއްޖެއެވެ.

Ads by MWSC

ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަދި އޭނާގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، ކަރަންކާ ރަޝީދު އަވަހާރަވެފައި ވަނީ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހުއެވެ.

ކަރަންކާ ރަޝީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1928 ވަނަ އަހަރުގެ މާރޗު މަހުގެ 21 ވަނަ ދުވަހުގައެވެ. އެމަނިކުފާނު ތަޢުލީމު ހާސިލު ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ.

ދިވެހި ދައުލަތަށް ކަރަންކާ ރަޝީދު ކޮށްދެއްވި ޚިދުމަތްތަކަށް ބަލާއިރު، ދެކުނުގެ ތިން އަތޮޅު ސަރުކާރުން ވަކިވެ ވަކި ދައުލަތެއް ހެދުމުން މިކަން ހަމަޖެއްސުމަށް އޭރުގެ ވަޒީރުލް އައުޒަމް އިބްރާހިމް ނާސިރުގެ ލަފާފުޅުގެ މަތިން މަސައްކަތް ކުރެއްވިކަން ފާހަގަ ވެއެވެ. މި މައްސަލަ ހައްލު ކުރުމަށް އައްޑޫ އަތޮޅަށް ފޮނުވި ވަފުދުގައި ވެސް ކަރަންކާ ރަޝީދު ހިމެނިވަޑައިގެންނެވިއެވެ.

ކަރަންކާ ރަޝީދު ވަނީ 65 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

އެގޮތުން އެމަނިކުފާނު ފުރަތަމަ އަދާ ކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. އަދި އޭނާ ވަނީ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ހިދުމަތް ކުރައްވައި ގައުމީ ހިދްމަތުގައި އެކި މަރުހަލާތައް ކަޑައްތު ކުރައްވާފައެވެ.

މީގެއިތުރުން ވަޒީރުއް ދާހިލިއްޔާކަމާއި ކެބިނެޓް ސެކްރެޓަރީ ކަމާއި ޑެޕިއުޓީ ބޮޑުވަޒީރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަން ކުރެއްވިއެވެ. އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒައީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!