ކޮންމެ ދުވަހަކު އެތައް ސަތޭކަ ފަގީރުންނަކަށް ކާންދޭ މީހެއް: " ބަނޑުހައިހޫނުކަން މަތީ ނިދުމުގެ ވޭން އިހްސާސް ކުރިން"

ދިރިއުޅުމުގައި އެކި މީހުން އުފަލާއި ހިތްހަމަޖެހުން ހިއްސާ ކުރާ މިންވަރު ތަފާތު ވާ ބީދައިން ފުދުންތެރިކަމާއި ތަނަވަސްކަމުގައި ވެސް އެކި މީހުންގެ ޙާލަތު ތަފާތެވެ. ބޭނުން އިރަކު ބޭނުން އެއްޗެއް ހޯދައިގެން ، ކައިގެން އެތައް ބަޔަކު އުޅޭއިރު ބަނޑުފުރާނަ މުއްތި ކުރެވެން ނެތް އެތަކެއް އިންސާނުން ވެސް ދުނިޔޭގައި ބައިވަރެވެ.
މިފަދަ މީހުންނަށް އެހީވުމަކީ ދިރިއުޅުމުގެ ބޮޑުބައި ކަމުގައި ދެކި އެކަމުގެ ޚިދުމަތުގައި ހުރި މި މީހާގެ ވާހަކައަކީ ތަފާތު ވާހަކައެކެވެ. އިންޓީރިއަރ ޑިޒައިންގެ ވިޔަފާރިއެއް ވެސް ހިންގާ އިންޑިއާގެ ހައިދަރު އާބާދުގެ އަޒްހަރު މަޤްސޫސީއަކީ މިހާރު ދުވާލެއްގެ މައްޗަށް 500އަށް ވުރެ ގިނަ ފަގީރުންނަށް ކާންދޭ މުސްލިމެކެވެ.
މީގެ ހަތްއަހަރު ކުރީން އޭނާ ފެށި މި މަސައްކަތާ ގުޅިގެން އޭނާގެ ވާހަކަތައް ވަރަށް ގިނައިން އެކިއެކި މީޑިއާތަކުން ގެނެސްދެމުން ދެއެވެ.

އަޒްހަރު ބުނެފައިވާ ގޮތުގައި އޭނާ މި މަސައްކަތް ފެށުމަށް ދިމާވީ ރެއިލްވޭ ސްޓޭޝަނުން އޭނާއާ ދިމާވި ނުކުޅެދުންތެރި ސަލާން ޖަހާ އަންހެނެއްގެ ސަބަބުން ކަމަށެވެ. އަޒްހަރު ބުނި ގޮތުގައި އޭރު އޭނާ އަތުގައި ގެއަށް ގެންދިޔުމަށް ގަނެފައި ހުރި ކާން އެއްޗިހި ހުރި ކަމަށާއި ވަގުތުން އެ ތަކެތި އެ އަންހެން މީހާއަށް ދިން ކަމަށެވެ. އަދި ގެއަށް ގޮސް އެވާހަކަ އަނބިމީހާ ގާތުގައި ބުނުމުން ޖެހިގެން އައި ދުވަހު 15 މީހުންނަށް ކެވޭ މިންވަރަށް އަނބިމީހާ ކެއުން ތައްޔާރު ކުރި ކަމަށެވެ.
އަޒްހަރު ބުނީ އޭނާގެ ވަރަށް ޅައުމުރުގައި އޭނާގެ ބައްޕަ ނިޔާވެފައިވާ ކަމަށާއި އަދި އޭނާގެ އެއްބަނޑު އެއްބަފާ މީހުންނަށް ބޭނުންވާ ކަންކަން ކުރުމުގައި އޭނާގެ މަންމަ ވީ ޤުރުބާނީގެ މަތިން އޭނާ ހަނދާން ހުންނަ ކަމަށެވެ. އަދި ބަނޑަށްހުރެ ނިދަން ޖެހުމަކީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް އިޙްސާސް ކުރެވޭ ކަމަށް ވެސް އަޒްހަރު ބުނެފައި ވެއެވެ.
މީގެ ހަތްއަހަރު ކުރީން އަޒްހަރު ފެށި މަސައްކަތް މިއަދު ވަނީ ވަރަށް ބޮޑަށް ފުޅާ ވެފައެވެ. އަދި އެކަމަށް މީހުންގެ ފަރާތުން ފައިސާގެ އެހީ ވެސް ހުށަހަޅަމުންދާ ކަމަށް އަޒްހަރު ބުނެފައި ވެއެވެ. މިކަމާ ގުޅޭ ގޮތުން އޭނާ ބުނެފައި ވަނީ މި މަސައްކަތަށް އޭނާ އެއްވެސް ވަރަކަށް ފައިސާގެ އެހީއެއް ބޭނުމެއް ނުވާ ކަމަށާއި ބޭނުންވަނީ ހަމައެކަނި އިހްސާންތެރިކަން އެކަނި ކަމަށެވެ.

އަޒްހަރުގެ އެހީގެ ކޮއްތު ތަށި ހޯދުމަށް މިއަދު އެތައް ސަތޭކަ ބަޔަކު ހައިދަރު އާބާދުގެ ޑަބީރުޕޫރާ ބްރިޖްގެ ދަށުގައި ކިޔު ހަދާފައި އޮވެއެވެ. މި އެންމެންނަށް ކާތަކެތި ތައްޔާރު ކުރުމަށް މުސާރަދޭ ކައްކާއިން ވެސް އަޒްހަރު މިހާރު ގެންގުޅެއެވެ.
الله ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ.
إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا
(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ. (އަލްއިންސާން 8،9)
މާތް ﷲ މިމީހާގެ މަސައްކަތުގައި ބަރަކާތް ލައްވައި ރޯދި ބަރަކާއް އިތުރު ކުރައްވާ އުމުރު ދިގު ކުރައްވައި ހެޔޮ ހާލުގައި ލަހައްޓަވާން ފާންދޭވެ. ޢާމީން.
މިމީހާއަށް ﷲ ގެ ހެޔޮ ތަނަވަސް ރަޙްމަތް ލައްވާށިއެވެ. އާމ،ީން.