ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށައިފި، ފުރަތަމަ ވެކްސިން ޖެއްސެވީ ޑރ.ޝިރާނީ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށައިފިއެވެ.
މިއަދު ވެކްސިން ޖަހަން ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ. ޑރ. ޝިރާނީ އަކީ ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލެ ކޮވިޑް ފެސިލިޓީ ހިންގުމާ ހަވާލުވެ ހުންނެވި ކަނބަލެކެވެ.
ޑރ. ޝިރާނީ އަށް ފަހު ދެން ވެކްސިން ޖައްސަވާފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ ބިދޭސީ ނަރުހެކެވެ.
ތިން ވަނަ އަށް ވެކްސިން ޖަހާފައިވަނީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިބްރާހިމް ނަސީރެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ ގިނަ އިސްވެރިންނެއް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ވަނީ އެއް ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް ލިބުނު ހަމައެކަނި ވެކްސިނެވެ.