އެއްވެސް ކަމަކީ ތިބާއަށް ނުވާނޭ ކަމެއް ކަމުގައި ހީނުކުރާށެވެ.
ދިރިއުޅުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި އެތައް މަސައްކަތަކަށް ފަހު ކާމިޔާބު ނުވާ އެތައް ކަމަކާ ވެސް ކުރިމަތިލާން ޖެހެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކީ ތިބާ ހިތްވަރު އެލުވާލަންވީ ކަމެއް ނޫނެވެ.
ބުނާތީ އަޑުއަހަމުއެވެ. ކޮންމެ ނާކާމިޔާބީއަކީ ކާމިޔާގެ އަސްލެވެ. އާދޭހެވެ. ހަގީގަތުގައި އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ. ކަމެއް ކުރުމަށް ފަށާ އެކަމެއް ނާކާމިޔާބުވާ ކޮންމެ ފަހަރަކީ އެފަހަރު ތިބާއަށް ހެދުނު ގޯސް ތަކުރާރު ނުކޮށް އަލުން ރަނގަޅު ކުރުމަށް ލިބިގެންދާ އިތުރު ފުރުސަތެކެވެ.
އެހެން ނަމަވެސް ބައެއް މީހުން އެހިސާބުން ވެސް ހިތްވަރު އެލުވާލަނީއެވެ. ކުރަމުން ދިޔަ މަސައްކަތަށް ނިމުން ގެންނަނީއެވެ. އެކަމަކީ ދެން އިތުރަށް ނުވާނޭ ކަމެކޭ ހީކުރެވެނީ އެވެ. އެހެނަސް އެއީ ގޯހެކެވެ. އެފަދައިން ވިސްނައިގެން ތިބާއަށް ކުރިއަށް ދެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކަށް އަމިއްލަ ނަފުސަށް ކުރާ އިތުބާރަކީ ވަރަށް ވެސް މުހިންމު އެއްޗެކެވެ.
މިފަދަ ކަންކަމަކީ އަމިއްލައަށް ވިސްނާލައިފިނަމަ ހަމަ ހަގީގަތުގައި ވެސް އެއިން ޢިބުރަތެއް ހާސިލުކޮށް އެކަމުން ވެސް އެތައް ފިލާވަޅުތަކެއް ދަސްވާނެއެވެ. އެހެންކަމުން އެއްވެސް ކަމަކީ ނުވާނޭ ކަމެކޭ ހީކޮށް މާ އަވަހަށް ހިތްވަރު ދޫނުކޮށްލާށެވެ. ވެއްޓިއްޖެނަމަ އަލުން ތެދުވެ އެއަށް ވުރެ ބާރަށް ދުވެވޭތޯ މަސައްކަތް ކުރާށެވެ.