ޚަބަރު

ބޯޑަރާ ސުކޫލުތައް އަނެއްކާ ބަންދުކުރުމަކީ ބުއްދިވެރި ގޮތެއް ނޫން: ރައީސް ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ކޭސްތައް ރެކޯޑު މިންވަރަކަށް އިތުރުވަމުން އަންނައިރު، ސުކޫލުތައް ބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދެން ކުރަންވީ ކަމަކީ އަވަހަށް ވެކްސިން ޖެހުން ކަމަށެވެ.

"އަނެއްކާ ސުކޫލުތައް ބަންދުކޮށް، ބޯޑަރު ބަންދުކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން. އަވަހަށް ވެކްސިން ޖަހާ ކޮވިޑް ކޮންޓްރޯލް ކުރުން ވަރަށް ބޭނުންތެރި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިއީ އެޗްޕީއޭ އާއި މިނިސްޓްރީ އޮފް ހެލްތް އަށް އިތުރު ގައިޑްލައިންތަކާއި އުސޫލުތައް އުފައްދަންވީ ވަގުތު ނޫން ކަމަށާއި ބުއްދި ބަހައްޓަވަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި އިއްޔެ ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައިވާއިރު، ރައީސް ނަޝީދު ހިމެނޭހެން ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި ސިއްހީ ހިދުމްތަތްތެރިންނާއި ބައެއް ދިގު މުއްދަތުގެ ބައްޔަށް ބޭސްކުރާ ފަރާތްތައް ވެސް ވަނީ ވެކްސިން ޖަހާފައެވެ.

އިއްޔެ ރާއްޖެއިން 215 މީހުން ފައްސިވެފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ. ކޭސްތައް އިތުރުވަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ސުކޫލުތައް ބަންދުކުރުމަށް ގޮވާލަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!