ޝީޝާ ބޯ މީހުންނަށް ފިޔަވަޅު އަޅަނީ

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް، ޝީޝާ ބޯ މީހުންނާމެދު ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެެންޓަރުގެ ޕަބްލިކް ހެލްތު އިންސްޕެކްޓޮރޭޓް ސެކްޝަންގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ ޝީޝާ ބުއިމަކީ ކޮވިޑް-19އާ ގުޅިގެން އެއްކޮށް މަނާ ކުރެވިފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެކުލަވާލެވިފައިވާ ގައިޑްލައިންގައި ވާގޮތުން ޝީޝާ ބޭނުން ކުރާ ފަރާތްތަކާމެދު ފިޔަވަޅު ވެސް އެޅިގެން ދާނެ ކަމަށް ނާސިރު ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން އެޅި ހާއްސަ ފިޔަަވަޅުތަކުގެ ތެރޭގައި ސައި ހޮޓާ، ކެންޓީން، ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އެތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން ރޭގަނޑު 10:30އަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.