ދިރާގުގެ ހިދުމަތްތައް އޮންލައިންކޮށް ބޭނުން ކުރުމަށް އެދެފި
ކޮވިޑްގެ ތިން ވަނަ ރާޅުގެ މި ހާލަތުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދިރާގުގެ ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް ހިދުމަތް ހޯދަން އެދެފިއެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރެއްގައި ހިދުމަތްތައް ހޯދަން އޮފީހަށް ނުގޮސް އޮންލައިންކޮށް ހޯދުމަށް ދިރާގުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އޮންލައިންކޮށް ދެވޭ ޚިދުމަތް ތަކުގެ ތެރޭގައި އިންޓަނެޓާއި މޯބައިލް ޕެކޭޖުތައް ބަދަލުކޮށް ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ޕެކޭޖުތަކުގެ ޔޫސޭޖު ބަލާލައި ބިލް ދެއްކުމާއި ދިރާގުގެ އެހެން ހިދުމަތްތައް ހިމެނެއެވެ. ދިރާގުގެ "މައިއެކައުންޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް މި ހިދުމަތްތައް ފަސޭހައިން ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ބުނީ މައި އެކައުންޓަށް ރަޖިސްޓާ ނުވާ ކަސްޓަމަރުން ވެސް ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓާވާން އެދޭ ކަމަށެވެ. ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް މިހާރު ހުޅުވިފައި ހުއްޓަސް ހިދުމަތް ހޯދަން އެޕޮއިންޓްމަންޓް ހައްދަން ޖެހެއެވެ.
މި ސެންޓަރުތަކަށް އެޕޮއިންމެންޓް ހަދައިގެން ދާ ފަރާތްތަކަށް ހިދުމަތް ދެވޭނީ އެޗްޕީއޭގެ ގަވާއިދާއި އުސޫލުތަކުގެ މަތިންނެވެ. އެގޮތުން ހިދުމަތް ހޯދަން އަންނަ ފަރާތްތައް މާސްކު އަޅައިގެން ތިބުމުގެ އިތުރުން ގައިދުރުކަން ބެހެއްޓުމަށް ދިރާގުން އާންމުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.