ކޮވިޑް-19: މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން ވެކްސިން ޖަހަނީ
މާލެ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިއަދުން ފެށިގެން، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮވިޑް-19 ގެ ވެކްސިން ދިނުން 4 ފެބްރުއަރީ 2021 ގައި ފެށޭނެ ކަމަށެވެ.
މިއުމުރުފުރާގެ މީހުން ވެކްސިން ޖަހަން ދާން ޖެހެނީ ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލޭ ފްލޫ ކްލިނިކް ހުންނަ) އިމާރާތަށެވެ. އެ ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 17:00 އާ ހަމައަށެވެ. މާލޭގައި އުޅޭ 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން އިއްޔެ ވަނީ ފަށާފައެވެ.
ވެކްސިން ޖަހަންދާއިރު ބަލަން ޖެހޭ ކަންކަން:
- އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ގެންދިޔުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހެއް ކަމުގައި ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
- ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިޔުން
- ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުދިޔުން
- ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިޔުން
ވެކްސިން ޖެހުމަށް my.health.mv ގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރެޖިސްޓްރީ ކުރުމުގެ އެހީތެރިކަން ވެކްސިނޭޝަން ސެންޓަރުތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
“ބޭނުންވާ ވަރަށް ޑޭޓާ ނެތުމުގެ ސަބަބުން އޮކްސްފޯޑާއި އެސްޓްރާޒެނެކާ އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނަށް ސްވިޒްލޭންޑް އިން ހުއްދަ ނުދޭން އެގައުމުން ނިންމައިފިއެވެ. ނަމަވެސްސް ފައިޒާ އަދި މޮޑާނާ ވެކްސިނަށް އެގައުމުން ހުއްދަ ދީފައިވެއެވެ.”