ޚަބަރު

އިގްތިސާދު އަލުން ކޮޅަށް ޖަހަން ދެ އަހަރު ނަގާނެ: ރައީސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިިޑް-19 އިން އަރައިގަނެ، ރާއްޖޭގައި އިގްތިސޯދު އަލުން ކޮޅަށް ޖަހަން އިތުރު ދެ އަހަރު ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ ކޮވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިޤްތިޞާދު އަލުން އާރާސްތު ކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

" ކޯވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރިގޮތަށް ބަލާއިރު، އިޤްތިޞާދު އަލުން އާރާސްތު ކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ، ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ޙާލަތަށް އެނބުރި ދިއުމަށްޓަކައި، އިޤްތިޞާދު ސިންދަފާތުކޮށް އިޤްތިޞާދީ ޙަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި" ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް ވެސް ލިބޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އަމާޒަށް ވާޞިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ވަނީ ބީލަމަށް ހުޅުވާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ވެސް އަދި އިޤްތިޞާދީ ޙަރަކާތްތައް ފުޅާ ކުރުމުގައި ވެސް، ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށީގެ ރައްކާތެރިކަން އެއްކީލި ކުރުމަށް، ސަރުކާރުން ޙާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!