ކައިވެނި ޕާޓީގައި ފޮޓޯގްރާފަރަށް “ހޭއަރުވާލީ” އަނބިމީހާއާ މާ ގާތްވުމުން
ކައިވެނި ޕާޓީގައި މިހާރު އެންމެ އިސްކަމެއް ދީގެން ކޮންމެ މީހަކު ވެސް ކުރާ އެއްކަމަކީ ފޮޓޯ ނެގުމެވެ. އެގޮތުން ކައިވެނި ޕާޓީގައި އެކި ގޮތްގޮތަށް އެކި ކަހަލަ ފޮޓޯ ނަގާ އުޅޭ މަންޒަރު ފެނެއެވެ.
މިފަހަރު މީސްމީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ. ކައިވެނި ޕާޓީގައި އަނބިމީހާއާ ފޮޓޯގްރާފަރު މާ ގާތްވުމުން ފިރިހެންމީހާ ފޮޓޯގްރާފަރަށް “ހޭއަރުވާލާ” މަންޒަރެވެ.
ވީޑިއޯގައި ފެންނަނީ ފޮޓޯގްރާފަރު އެދެމީހުންގެ ފޮޓޯ ނަގާ މަންޒަރެވެ. އަދި އިރުކޮޅެއް ފަހުން ހަމައެކަނި އަންހެން މީހާގެ ފޮޓޯ ނަގަން އޭނަ ފަށައެވެ. ނަމަވެސް ކަންތައް ގޯސްވީ ހިސާބަކީ ފޮޓޯގްރާފަރު އަންހެން މީހާއާ ގާތްވެލުމުންނެވެ. އެހިސާބުން ފިރިހެންމީހާ ވަނީ ފޮޓޯގްރާފަރުގެ ގައިގައި ޖަހާފައެވެ.
ވީޑިއޯގައި މަޖާ ހިސާބަކީ އަދި މިއީއެއް ނޫނެވެ. މި ކަންތައް ހިނގުމުން އަންހެންމީހާ ހީހީ ހަލާކުވާ މަންޒަރު ވީޑިއޯގައި ފެނިގެން ދެއެވެ. އޭނާވަނީ ހީހީ އެތަނުގައި އިށީނދެފައެވެ. ފޮޓޯގްރާފަރު އެކަން މާބޮޑު ކަމަކަށް ނުހަދައެވެ. އަދި ޕާޓީ ތެރޭގައި އެކަން މާ ހޫނެއް ނުވިއެވެ.
މީސްމީޑިއާގައި މިވީޑިއޯ ވައިރަލް ވެފައި ވާއިރު ބައެއް މީހުން ބުނަނީ އެއީ ލޯބިވާތީ ކުރި ކަމެއް ކަމަށެވެ. އަދި އަނެއްބައި މީހުން ބުނަނީ އެއީ ހަސަދަވެރިވެގެން ކުރި ކަމެއް ކަމަށެވެ.