ރާއްޖޭ ކުޅިވަރު ކުޅިވަރު

އައު ގައިޑްލައިނާއެކު ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑެތި ގެއްލުން އެބަވޭ، ފަރިތަކުރުން ކުރިއަށް ގެންދަން ބޭނުން: ސަސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލައިފައިވާތީ ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް)އިން އެކަމާ ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

Ads by Sosun Fihaara

މިކަމާ ގުޅިގެން ގިނަ ކުލަބުތަކަކުން ކަންބޮޑުވުން ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި، ސަސް އިން ވެސް މިވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ހުރިހާ ކުލަބެއްވެސް ފަރިތަކުރުންތައް ފެށީ އެޗްޕީއޭ އިން ކަނޑައެޅި ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ހަމަ އެހެންމެ، ދިވެހި ޕްރިމިއަރ ލީގު ފެށުމުގެ ކުރިން ހުރިހާ ކުލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓުކޮށް މުބާރާތުގެ މެޗުތައް ވެސް ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާއްސަ ހާލަތުގައި، ހުރިހާ ކުލަބެއް ވެސް ދިޔައީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފުރިހަމަ އަށް އަމަލުކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

ސަސް އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުއްލިއަކަށް ލީގުގެ މެޗުތަކާއި ކުލަބުގެ ފަރިތަކުރުންތައް މެދުކަނޑާލަން ޖެހުމުން ކްލަބްގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ވެސް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައި ކަމަށެވެ. އަދި ހާއްސަކޮށް ކްލަބްތަކުގެ ފަރިތަކުރުން ދެހަފުތާއެއްހާ ދުވަހަށް ނުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުން އަރައިގަތުމަށް ކްލަބްތަކަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާނެ ކަން ވެސް ސަސްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަކީ ފުޓްބޯޅައިން ލިބޭ އާމްދަނީއަށް ބަރޯސާ ވެގެން ތިބޭ ކުޅުންތެރިންނާއި ކޯޗުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވެސް ސަސްއިން ވަނީ ސިފަކޮށްފައެވެ.

ސަސްގެ ނޫސްބަޔާން ނިންމާލަމުން އެ ކްލަބުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އަރިހުގައި އެދިފައިވަނީ ކްލަބްތަކުގެ ފަރިތަކުރުންތައް ފެށުމުގެ މަގުފަހި ކޮށްދިނުމަށެވެ. އަދި ކްލަބްތަކުން ތިބީ ކުރިއެކޭ ވެސް އެއްފަދައިން ގައިޑްލައިނަށް އަމަލުކުރަން ތައްޔާރަށް ކަމަށް ވެސް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!