މި ސަރުކާރަށް ގިނަ ދުވަހެއް ނެތް: ޝުޖާއު

މި ސަރުކާރަށް ދެން ގިނަ ދުވަހެއް ނެތް ކަމަށް އިދިކޮޅު ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވެފައި ވަނީ މިއަދު ފުލުހަށް ހާޒިރުކޮށް ބަޔާން ދިނުމަށް ފަހު ނިކުމެ މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ. ޝުޖާޢު ވިދާޅުވީ އޭނާއަށް ގަބޫލުކުރޭ ގޮތުގައި މި ސަރުކާރަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގައި އަބަދުވެސް ދެމި ތިބޭނެ ކަމަށެވެ.
“މިހާރު ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ވަޑައިގަންނަވާއިރު ގަހެއް ތެޅިލިޔަސް ހީވަނީ އެ ވެއްޓެނީއޭ. އެ ހާލަތުގައި މި ސަރުކާރު މި އޮތީ. ދިވެހި ރައްޔިތުން ހިތްވަރު ކުރަންވީ،" ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާޢު ވިދާޅުވީ ފުލުހުންގެ ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާ އެކި މައްސަލަތައް އުފައްދަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާތީ އެކަމަށް ހުރަސް އެޅުމަށް ކަމަށެވެ.
މިއަދު ޝުޖާއު ފުލުހަށް ހާޒިރު ކުރީ ދަރުބާރުގޭ ސަރަހައްދުގައި ކުރި މުޒާހަރާގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން ބަޔާނެއް ނެގުމަށެވެ.