ދީން

ޔާ الله! އެންމެ ހެޔޮ ޙާލުގައި އަޅަމެން ރަމަޟާން މަހާ ބައްދަލު ކުރައްވާށި!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 26 ދުވަހެވެ. އެ މަހަކީ ރަހުމަތާއި ބަރަކާތުން ފުރިފައިވާ މައްސަރެކެވެ. ނަފްސު އިސްލާހްކޮށް އެ މަހާ ބައްދަލުކޮށް ހެޔޮކަންކަމުގެ ހިސާބު އިމެއް ނެތި އިތުރު ކޮށްލެވެން އޮތް ރަނުގެ ފުރުސަތެކެވެ.

Ads by Sosun Fihaara

ފަހެ، ރަމަޟާންމަހުގެ ދަރުމައާއި ސަވާބަށް އެދި ސާފު ހިތަކައިގެން އެ މަހާ ބައްދަލު ކުރުން ހުއްޓެވެ. އެހެނީ މިގޮތުގެ މަތީން އެ މަހާ ބައްދަލުކޮށް ދުލާއި އަތްފައި ރައްކާތެރިކޮށް ހެޔޮ ގޮތުގައި ރޯދަ ހިފައިފި މީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެން ދާނެ ކަމަށް މޫރިތި ނަބިއްޔާގެ މާތް ބަސްފުޅުން އެނގެން އެބަ އޮތެވެެ. ކިހާ މަތިވެރި ކަމެއްތޯއެވެ. އެކަމުގެ ބަދަލަކީ ފާފައިން ފޯވެފައިވާ އަހަރެމެންގެ ނަފްސުތައް ތާހިރުކޮށް އަލަށް އުފަންވީ ކުއްޖެއް ފަދައިންވުން އެކަންޏެއް ނޫނެވެ. ފާފައެއް ނުކުރާ ފަދަ މީހެއްގެ ޝަރަފު ލިބުމުގެ އިތުރުން އެ ފާފަތަކަށް ވުރެ ގިނަ ހެޔޮ އަމަލު ، އަމަލުގެ ފަތަށް އިތުރުވުމީ الله ތަޢާލާ ދެއްވާ ކިހައި ބޮޑު ދެއްވުމެއްތޯއެވެ. ސުބުހާނަالله!

އަހަރެމެންގެ ހިތުގައި ރަމަޟާންމަހާ ބައްދަލުކޮށް މި ދެންނެވި ހެޔޮކަން ހޯދުމުގެ ޝައުގު އޮތް ނަމަވެސް އެ ފުރުސަތު އޮތީ الله ތަޢާލާ އެކަން މިންވަރު ކުރެއްވި އަޅަކަށެވެ. އެހެނީ އެއްވެސް މީހެއްގެ އަޖަލަކީ އެނގިގެންވާ އެއްޗެއް ނޫނެވެ. މިދިޔަ ރަމަޟާންމަހު އަހަރެމެންނާ އެކީ ނަމާދުކޮށް އެކީގައި ވަގުތު ހޭދަ ކުރި ކިތަންމެ ބަޔަކު އަހަރެމެންނާ ވަކިވެ ހިނގައްޖެއެވެ. އަދި ކިއެއް! އިއްޔެ އަހަރެމެންނާ އެކީ ވީ ކިތަންމެ ބަޔަކު ވެސް ދާއިމީ މަންޒިލަށް ދަތުރުކޮށްފިއެވެ. އެހެންކަމުން ރަމަޟާން މަހުގެ ދީލަތި ދެއްވުމުން ހިތް ފުރައިލާން އެދޭ އިންސާނާއަށް އޮތީ ހެޔޮ އަމަލު ކުރުން މަތީ ދެމިހުރެ އެ މަހާ ބައްދަލު ކުރުމުގެ ތައުފީގު ދެއްވުން އެދި ދުޢާ ކުރުމެވެ.

اللهمَّ بَلِّغْنَا رَمَضَانَ وَنَحْنُ فِي أَفْضَلِ حَالٍ.

އެންމެ ހެޔޮ ޙާލުގައި ރަމަޟާން މަހާ ބައްދަލުކުރުމުގެ ނަސީބު އަޅަމެންނަށް މިންވަރު ކުރައްވާނދޭވެ. އާމީން!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!