ޢަލީ ވަޙީދުގެ މައްސަލައިގައި ކޯޓުން ޢަމަލުކޮށްފައި ވަނީ ރަނގަޅަކަށް ނޫން - ޕީޖީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމުގެ އަމުރު ކޯޓުން ނެރެފައި ވަނީ ޢާންމުކޮށް މިބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން ވިދާޅުވެފައި ވަނީ ޢަލީ ވަޙީދުގެ މައްސަލައިގައި އާންމުވެފައިވާ ކޯޓު އަމުރުގައި، ޕީޖީ އޮފީހުން އެދިގެން ނެރެފައިވާ އަމުރެއްކަމަށް އޮތީ ކޯޓުގެ "އިދާރީ އޮޅުމެއް"ގެ ސަބަބުންކަމަށް ކޯޓުން މައުލޫމާތު ދެއްވާފައިވާކަމަށެވެ.
ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތް މައްސަލައިގައި ޕީޖީ އޮފީހަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ޕީޖީ އޮފީހުން ބުނީ ޕާސްޕޯޓް ދޫކުރަން ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ އަމުރު ނެރުމުގައި ކޯޓުން އަމަލުކުރީ އެ ބާވަތުގެ އަމުރު ނެރުމުގައި ކުރިން އަމަލުކުރާ އުސޫލްތަކާ ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަލީ ވަހީދަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ރާއްޖެ އިން ފުރުން އެންމެ ފުރަތަމަ މަނާކުރީ ޖުލައި، 10، 2020ގަ އެވެ. އެ މުއްދަތު ހަމަވުމުން ޕާސްޕޯޓު ހިފަހައްޓާފައިވާ މުއްދަތު އިތުރުކުރަން ހުށަހަޅައި އަމުރު ހޯދި ކަމަށް ބަޔާނުގައި ވެއެވެ.