ދުނިޔެ

އުއީގަރ މުސްލިމުންގެ ވާހަކަތައް ގެނެސްދޭތީ ޗައިނާގައި "ބީބީސީ" ދެއްކުން މަނާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗައިނާއިން އުއީގަރ މުސްލިމުންނާމެދު ޢަމަލު ކުރަމުންދާ ގޮތްތަކުގެ ޚަބަރުތައް ބީބީސީ ވޯލްޑް ނިއުސްއިން ގެނެސްދޭތީ، އެޤައުމުގައި ބީބީސީގެ ޚަބަރާއި މައުލޫމާތުތައް ގެނެސް ދިނުން މަނާ ކޮށްފިއެވެ.

Ads by Sosun Fihaara

އެގޮތުން ޓީވީއާއި ރޭޑިއޯގެ ޒަރީޢާއިން ވެސް ބީބީސީގެ ޚަބަރާއި ރިޕޯޓުތައް ވެސް ބްރޯޑްކާސްޓު ކުރުން މަނާކޮށްފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާނު ކޮށްފައެވެ.

ޗައިނާގެ މައިނޯރިޓީ ، އުއީގަރ މުސްލިމުންނާމެދު އެޤައުމުން ކަންތައް ކުރަމުން އަންނަ އިހާނެތި ގޮތާއި ދެމުންދާ އަނިޔާތައް ބީބީސީއިން ދަނީ ގެނެސްދެމުންނެވެ. އެގޮތުން ކުރިން ޗައިނާގެ އެކޭމްޕުގައި ހައްޔަރުކޮށް އަނިޔާދިން އެތައް ބަޔަކު ވަނީ އެމީހުންގެ ވާހަކަތައް ކިޔައިދީ، އެކަން މުޅި ދުނިޔެއާ ހިއްސާ ކޮށްފައެވެ.

އެޤައުމުން ބުނީ އުއީގަރ މުސްލިމުންނާމެދު ޗައިނާ ސަރުކާރުން އިހާނެތިކޮށް ޢަމަލު ކުރާ ކަމަށާއި މުޅި ދުނިޔެއަށް ފެތުރިފަައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅޭގޮތުން ވެސް ޗައިނާ ބަދުނާމުވާފަދަ ގޮތަކަށް ބީބީސީން މައުލޫމާތު ގެނެސްދެމުންދާތީ، ޗައިނާގައި އެޗެނަލް ބްރޯޑްކާސްޓު ކުރުން މަނާ ކުރާ ކަމަށެވެ.

ޗައިނާގެ މިނިންމުމާމެދު ބީބީސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއީ ޗައިނާ ގްލޯބަލް ޓެލެވިޝަން ނެޓްވޯކް (ސީޖީޓީއެން) އިނގިރޭސިވިލާތުގައި ބްރޯޑްކާސްޓު ކުރުމުގެ ލައިސެންސް "އޮފްކޮމް" އިން ބާތިލު ކުރުމާ ގުޅިގެން ޗައިނާއިން ނިންމި ނިންމުމެއް ކަމުގައި ބީބީސީން ބުނެފައިވެއެވެ.

އޮފްކޮމް އިން މިހެން ބުނީ ސީޖީޓީއެންގެ ލައިސެންސް ބާތިލުކުރީ، ޤަވާއިދާ ޚިލާފަށް ސްޓާ ޗައިނާ މީޑިއާއިން ބޭނުންކުރަމުން ދިޔުމުން ކަމަށެވެ.

މީގެއިތުރުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ ޕީޓަރ ހަމްފްރޭއާ ބެހޭގޮތުން ވެސް ދޮގު މައުލޫމާތު ގެނެސްދީ، ސީޖީޓީއެން އިން ވަނީ ބްރޯޑްކާސްޓު ކުރުމުގެ ޤަވާއިދާ ޚިލާފުވެފައިކަމަށް ބީބީސީން ފާހަގަ ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!