ހިތަދޫ ކްލަސްޓާ: އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައްޑޫސިޓީ ހިތަދޫގެ ކްލަސްޓާއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާ ގުޅުން ހުރި ކްލަސްޓާއިން ކޮވިޑް-19 އަށް ފައްސިވި މީހުންނާ އެކު، އެކްލަސްްޓާއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ.
އެކްލަސްޓާއާއި ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް މިހާތަނަށް އައި އިރު ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.
އެއީ އައްޑޫ އިން ފެނުނު 29 ކޭސް އާއި ތިނަދޫން ކޮވިޑް-19 އަށް ފައްސިވި ތިން މީހުން ހިމަނައިގެންނެވެ.
ހިތަދޫގައި މިވަގުތު ދެ އިހަލެއް އޮތް އިރު، ހުޅުމީދޫގައި ވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓެއްގައި ކޮވިޑް ފެތުރި، ބަލި ޖެހުނު ބިދޭސީންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ.