ރަމަޟާންމަހަށް ތެލިތަށި އާކޮށް ކާބޯތަކެތި ގަންނަ ފަދައިން އީމާންކަން ވެސް އާރޯ ކޮށްލަމާ ހެއްޔެވެ.
މިއަހަރުގެ ރަމަޟާންމަހާ ބައްދަލު ކުރުމަށް ދެން އޮތީ 58 ދުވަހެވެ. އެމަހަކީ ރަޙުމަތާއި ބަރަކާތް އޮއްސަވާ މައްސަރެކެވެ. ހެޔޮކަމުގެ ޢަމަލުތަކުގެ ފަތް ބަރާކޮށްލެވެން އޮތް ރަނުގެ ފުރުސަތެކެވެ.
މި މައްސަރަކީ އަހަރެމެން ، ވަރަށް ގިނަ ގޮތް ގޮތުން އެމަހަކަށް ތައްޔާރުވާ މައްސަރެކެވެ. ގޯތިތެރެއަށް އަކިރިލާ ހަވާދު ދަވާ ތެލިތަށި އާކުރެއެވެ. ތަފާތު ގިނަ ކާބޯތަކެތި އެއްކޮށް ރައްކާ ކުރެއެވެ. ނަމަވެސް އެމަހަށް ވާން ޖެހޭ ހަގީގީ ތައްޔާރީއަކީ އެއީކީ ނޫނެވެ. ގޭގެ ގޯއްޗާއި ގެ ޒީނަތްތެރިކޮށް ތެލިތައްޓާއި ހިފާ ގެންގުޅޭ ތަކެތި އާކުރާ ފަދައިން އަހަރެމެންގެ ނަފްސުތައް ވެސް އެމަހަށް ހޭލައްވާ ، އީމާންކަން ތާޒާކުރަން އެބަޖެހެއެވެ.
އެއްވެސް ކަމަކީ ނިޔަތަކުން ހާސިލްވާނޭ ކަމަކަށް ނުވާ ހިނދު ، ކަމެއް ޙާޞިލްވާން އޮތީ އެކަމަކަށް ގަދައަޅާ މަސައްކަތް ކޮށްގެންނެވެ. އެގޮތުން ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ތައްޔާރީއަކީ އިޚްލާޞްތެރި ނިޔަތެވެ. އޭގެ ފަހުން ތައްޔާރީތަކެވެ. ރޭވުމެވެ.
ﷲގެ ރަޙުމަތްފުޅާއި މިންވަރުފުޅުން ހެޔޮ ޙާލުގައި އަންނަ ރަމަޟާން މަހާ ބައްދަލު ކޮށްފި ނަމަ އެމަހުގައި އަމަލު ކުރާނެ ތާވަލު މިހާރުން މިހާރަށް އެކުލަވާލާށެވެ. އެ ތާވަލުގައި ފަރުޟު ނަމާދުތައް ވަގުތުގައި އަދާކުރުމާއެކު އާއިލާގެ އެހެން މެމްބަރުން ވެސް އެކަން ކުރާނެކަން ކަނޑައަޅާށެވެ. އަދި ޤުރުއާން ކިޔެވުމުގެ މަޖިލިސްތައް ގޭގައި ކުރިއަށް ދާނެ ވަގުތުތައް ނިންމާށެވެ. ހަމައެހެންމެ ދީނީ ފިލާވަޅުތައް އަޑުއެހުމާއެކު ދަރީންނަށް ކީރިތި މާތް ނަބިއްޔާގެ މަތިވެރި އަޚްލާޤު ދަސްކޮށްދޭ ވަގުތެއް ވެސް ޚާއްޞަ ކޮށްލާށެވެ. މީގެ އިތުރުން ދަމު ނަމާދު ކުރުމާއެކު ދަތިވެފައިވާ ކަންކަމާއި ބޭނުންވާ މުހުތާދުތައް ފުއްދަވައި ދެއްވުމަށް ދަންނަވާ ވަގުތަކަށް އެވަގުތު ހަދާށެވެ. ﷲގެ ރަޙުމަތްފުޅުން އުފާވެރި ރަމަޟާންމަހެއް ތިބާއަށް ލިބިގެން ދާނެއެވެ.
މި ހުރިހާ ކަމަކާއެކު ހަނދާން ކުރަންވީ މުހިންމު ނުކުތާއެއް އެބައޮތެވެ. އެއީ އެއްވެސް މީހެއްގެ އަޖަލަކީ އެނގިގެންވާ ކަމަކަށް ނުވާހިނދު ، ޢަމަލު ކުރަން ފެށުން ވަކި ދުވަހަކަށް ފަސް ކުރަމުން ނުގެންދިޔުމެވެ. އެހެނީ މި ދެންނެވި ކަންކަން ކުރުމަށް ރަމަޟާން މަހާ ބައްދަލުވާނޭ ކަމުގެ ޔަގީންކަމަކީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. އަދި ދުނިޔޭގައި ހުރި ނަމަވެސް ރަމަޟާންމަހުގައި އެކަންކަން ކުރަން ފަށަށް ފަސްކޮށްފިނަމަ އަދިވެސް އިތުރަށް ފަސްވެގެން ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އެ އަމަލުތަކަށް ތައްޔާރުވާންވީ މިއަދު އެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ނަމާދު ވަގުތުގައި އަދާ ކުރުމަށް މިއަދު އަޒުމް ކަނޑައަޅާ އެކަން ފަށާށެވެ. ސުންނަތް ނަމާދުތައް އަދާކޮށް ޒިކުރުތައް ދަސްކޮށް ކިޔަމުން ގެންދާށެވެ. މިދިޔަ ރަމަޟާން މަސް ނިމުމުން ބޭއްވި ޚަތިމް ނަގާ ކިޔަވަން ފަށާށެވެ.
ރަމަޟާން މަހަކީ ހަޔާތް ބަދަލު ކޮށްލަން ލިބޭ ދެވަނައެއް ނެތް ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ހިފުމަށް ފުރަތަމަ އޮތް ކަމަކީ ހެޔޮ ނިޔަތާއެކު ރަނގަޅު ރޭވުމެކެވެ. ރޭވުމުގައި ނާކާމިޔާބު ވެއްޖެނަމަ ތިޔަ ރޭވީ ނާކާމިޔާބު ވާށެވެ.
މޫރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ.
ޖިބުރީލްގެފާނު ދުޢާ ވިދާޅުވިއެވެ.
"ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް އެމީހާގެ ފާތައް ނުފޮހެވުނު މީހާއަށް ހަލާކު ހުއްޓެވެ!. މި ދުޢާއަށް ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާމީން ވިދާޅުވިއެވެ."
ޔާ ﷲ! ހެޔޮ ހާލުގައި އަހަރެމެން އެމަހާ ބައްދަލު ކުރައްވާށިއެވެ. އަދި ޖިބްރީލް އަމީންގެ އެ ދުއާގައި ވިދާޅުވި މީހުންގެ ތެރޭގައި އަހަރެމެން ނުލައްވާ ، އެ މަހަކީ އަހަރެމެން އެންމެންގެ ފާފަތައް ފޮހެވިގެންދާ މައްސަރެއް ކަމުގައި ލައްވާށިއެވެ. އާމީން!