ދީން

އެންމެ ހެޔޮލަފާ ފިރިއަކީ އަނބިމީހާ ، ﷲ ތަޢާލާއާ ކުއްތަންވުމަށް ބާރުއަޅާ އެހީތެރިވާ މީހާއެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

''އަނބި ގަބޫލު ކޮށްފިން'' ބަހާއެކު އެ ކުރެވުނީ ހަމައެކަނި ކައިވެންޏެއް ނޫނެވެ. ފިރިހެން މީހާގެ ބެލުމުގެ ދަށަށް އެހެން މީހަކު ވެސް އައީއެވެ. ޒިންމާތަކެއް ވެސް އިތުރުވީއެވެ. މަހްސަރު ދުވަހުގައި ފިރިމީހާއާ ސުވާލު ކުރެވޭނެ ކަންތައްތަކެއް ވެސް އިތުރުވީއެވެ.

Ads by Hajj Corporation

އަހަރެމެންގެ މި މުޖުތަމަޢުގައި އާންމުކޮށް ދެމީހަކު ކައިވެނި ކުރަނީ ރައްޓެހިވެގެން ދުވަސްތަކެއް ހޭދަ ކުރުމަށް ފަހުގައެވެ. ރައްޓެހިވެގެން އުޅޭއިރުު ވެސް އަދި ކައިވެންޏަށް ފަހުގައި ވެސް އަނބިމީހާ ހިތްހަމަ ޖައްސައި ދިނުމަށް ނުވަތަ އެކަނބުލޭގެ އުފަލުގައި ބެހެއްޓުމަށް ފިރިމީހާ ވީވަރަކުން މަސައްކަތް ކުރެއެވެ. އެކުގައި ދުއްވާލަން ދިޔުމާއި ، ހެނދުނުގެ ނާސްތާއަށް ނުވަތަ ރޭގަނޑުގެ ކެއުމަށް އަނބިމީހާއާއެކު ރެސްޓޯރެންޓަކަށް ގޮސްލުމުން ފެށިގެން ގޮސް ތަނަވަސްކަން ހުރި މިންވަރަކުން އަގު ބޮޑެތި ހަދިޔާ ގަނެދިނުމާއި ޗުއްޓީ ހޭދަކުރުމަށް އެކި ތަންތަނަށް ދިޔުމަކީ ވަރަށް ގިނަ މީހުން ކުރާ ކަންކަމެވެ.

މި ދެންނެވި ކަންކަމަކީ ކައިވެންޏެއް ދެމެހެއްޓުމަށް ޓަކައި މުހިންމު ކަންކަމެވެ. އަނބިމީހާއާ އެކީގައި އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމާއެކު އެކަކު އަނެކަކަށް އަޅައިލައި ލޯބި ދިނުމަކީ ކައިވެންޏެއް ދެމެހެއްޓުމުގެ މުހިންމު އަސާސެކެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ވުރެ މުހިންމު ކަމެއް އެބައޮތެވެ. އެއީ ކައިވެނީގެ ގޮށް ޖެހިގެންދާ ފަދައިން އެކައިވެނީގެ ގޮށް މޮހިގެން ދާ ދުވަހަކަށް ވެސް ވާންޖެހޭ ފުރިހަމަ ތައްޔާރީއެކެވެ. ގޮށް މޮހިގެންދާ ގޮތަކީ ވަރިވުން ކަމުގައި ވީ ނަމަވެސް ، ނުވަތަ ކޮންމެވެސް އެކަކު ނިޔާވުން ކަމުގައި ވީ ނަމަވެސް އެކަކު އަނެކެއްގެ މައްޗަށް އޮތް ޙައްޤުތަކާ މެދު ސަމާލުވުން ހުއްޓެވެ. އެހެނީ އެކަންކަމާ މެދު ސުވާލު ކުރެވޭނެކަން ކަށަވަރެވެ.

ފާހަގަކޮށްލަން ޖެހޭ މުހިންމު ނުކުތާއަކީ މިއެވެ. ކައިވެނީގެ ގުޅުމުގައި ދިހަ ބާރައަހަރު ނުވަތަ ފަނަރަ ވިހި އަހަރު ވެގެން ދާއިރު ވެސް އެގުޅުމުގައި ބަރަކާތްތެރިކަމެއް ނެތް އެތައް ގުޅުމެއް ވެއެވެ. އެކުގައި ޗުއްޓީ ހޭދަކޮށް ، އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުންދާއިރު ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާ ، ﷲ ތަޢާލާއާ ކުއްތަންވުމަށް އެހީތެރިވެނުދީ އެކަމަށް ބާރު ނާޅާ އަނބިން ،ފިރިން އުޅެއެވެ. އަނބިމީހާ ނުވަތަ ފިރިމީހާ ނަމާދު ނުކޮށް ނުވަތަ އެއިލާހުގެ ކަލާމްފުޅުގެ އެންމެ އަކުރެއް ވެސް ނުކިޔަވާ އެންމެހައި އަޅުކަންތަކާ ބީރައްޓެހިވެ އުޅޭއިރު އެއީ ފިކުރު ބޮޑުވާ ކަމަކަށް ނުވެއެވެ. އަދި ކިއެއް! ފިކުރު ބޮޑުވާ ކަމަކަށް ނުވާހިނދު އެއީ މައްސަލައެއް ކަމުގައި ނުދެކޭ މީހުން ވެސް އުޅޭކަމީ ޙަޤީޤަތެކެވެ.

އުފާވެރި ކަމަކީ ހަމައެކަނި އަގު ބޮޑު ޗުއްޓީ ހޭދަ ކުރުމާއި ، އަނބިދަރީންނަށް ބޭނުންވާ ޒަރޫރަތްތައް ފުރިހަމަ ކޮށްދިނުމެއް ނޫނެވެ. ނަމަވެސް މި ދަންނަވާ އުފާވެރި ވަގުތު ޚިޔާލަށް ގެނެސް ބައްލަވާށެވެ. ފިރިމީހާ ނަމާދަށް ފޮނުވުމަށް އަނބިމީހާ ބާރު އަޅައެވެ. އަނބިމީހާ ނަމާދު ކުރޭތޯ ފިރިމީހާ ބަލައެވެ. ދެމަފިރިން އެކީގައި ޤުރުއާން ކިޔަވައެވެ. ދީނީ ޢިލްމު އުނގެނުމަށް މަސައްކަތް ކުރެއެވެ. ޗުއްޓީގައި ނަމަވެސް ، ނުވަތަ އެހެން ދުވަސްވަރެއްގައި ނަމަވެސް ފިރިމީހާ ، ދަންވަރު ތެދުވެ އަނބިމީހާއަށް ގޮވައި ހޭލައްވައި ދެމަފިރިން އެކީގައި ނަމާދު ކުރެއެވެ. އެ ދެމަފިރިންގެ ޙަޔާތުގައި ދިމާވާ މައްސަލަތަކާއި ބޭނުންވާ ކަންކަން ﷲގެ ހަޟްރަތަށް ދަންނަވާ ވަގުތަކަށް އެވަގުތު ހަދައެވެ. މިއަށްވުރެ އުފާވެރި އަގުހުރި ވަގުތެއް އޮންނާނެތޯއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެެވެ.

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!