...ތުރުކީގައި ބަންގި ގޮވުން މަނާކުރި ހިނދު
އިސްލާމީ އުއްމަތުގެ މުހިންމު އަދި ތާރީޚީ ގައުމެއް ކަމުގައިވާ ތުރުކީގައި އެތައް އަހަރެއް ވާންދެން ޢަރަބި ބަހުން ބަންގި ގޮވުން މަނާ ކޮށްފައި އޮތެވެ. އެ ދުވަސްވަރު އެ ގައުމުގެ މިސްކިތްތަކުގައި ތުރުކީ ބަހުން ބަންގި ގޮވަމުން ދިޔައިރު ﷲ ގެ މި އިސްމުފުޅު ވެސް ތުރުކީ ބަހަށް ބަދަލު ކުރިއެވެ.
1932 ވަނަ އަހަރު މިކަން ތަންފީޒުކޮށް ކުރަމުން ގެންދިޔަ ބޮޑު ވަޒީރު މުސްތަފާ ކަމާލް އަތާތުރުކުގެ މި ނިންމުން ބަދަލު ވެގެން ދިޔައީ އޭގެ 18 އަހަރު ފަހުންނެވެ.
ސެކިޔުލަރައިޒު ކުރުމުގެ މަކަރުވެރި ރޭވުމުގައި މުސްތަފާ ކަމާލް އަތާތުރުކު ހިންގެވި ކަންކަމަކީ އޭނާއަށް ތަންފީޒު ކުރަން ފަސޭހަ ކަންކަމަކަށް ނުވިއެވެ. ބަންގި ގޮވަނީ އަރަބި ބަހުން ނޫންކަން ޔަގީން ކުރުމަށް މިސްކިތްތަކުގައި ފުލުހުން ބޭތިއްބިއެވެ. އަދި އަރަބި ބަހުން ބަންގި ގޮވާނަމަ ޖޫރިމަނާ ކުރުމާއި ޖަލަށް ލުން ފަދަ އަދަބުތައް ދެމުން ގެންދިޔައެވެ.
މި ހަރަކާތާ ދެކޮޅު އެތައް ކަމެއް އޭރު ތުރުކީން ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި މުޅި ގައުމުގައި ޢަރަބި ބަހުން ބަންގި ގޮވަމުން މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔައިރު އެގައުމުން ބަންގި ނުފޮހެވޭނެކަން ޔަގީން ކުރުމުގެ ގޮތުން އަނެއް ބަޔަކު ދިޔައީ ދަރީންނަށް ބަންގި ހިތު ދަސްކޮށްދެމުންނެވެ. މީގެ އިތުރުން ނެޝަނަލް އެސެމްބްލީގައި ވެސް ބައެއް މީހުން ބަންގި ގޮވަމުން ގެންދިޔައެވެ.
އަތާތުރުކު ފަހަތަށް ޖެހެން ޖެހި ، އޭނާގެ ނިންމުން ބަދަލު ވެގެން ދިޔައީ ތުރުކީގެ ފުރަތަމަ ޑިމޮކްރެޓިކް ލީޑަރު އަދުނާން މެންޑްރެސް ވެރިކަމާ ހަވާލުވުމުންނެވެ. 1950 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ، އެ އަހަރުގެ ރަމަޟާން މަހުގެ އެއް ދުވަސް ކުރިން އަތާތުރުކު ލާދީނީ ނިންމުން ބަދަލުވެގެން ދިޔައެވެ. އެ އަހަރުގެ ރަމަޟާން މަސް ތުރުކީއާ ބައްދަލު ކުރީ ﷲގެ ނިދާ މުޅި ތުރުކީގައި ގުގުމާލަމުންނެވެ.
މިއަދު ތުރުކީގައި ހުންނަ 80،000 އަށް ވުރެ ގިނަ މިސްކިތްތަކުގައި ކޮންމެ ދުވަހަކު 5 ފަހަރު ﷲ އަކުބަރުގެ މަތިވެރި ގޮވާލުންތައް ގުގުމާލަމުން ދެއެވެ.
ﷲގެ ދީންދެކެ ކިތަންމެ ނުރުހުނަސް އެ ދީނަށް ﷲ ނަޞްރު ދެއްވާނެތެވެ.