ދުނިޔެ

އޮކްސްފޯޑް ވެކްސިން ކުޑަކުދިންނަށް ރައްކާތެރިތޯ ޓެސްޓު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފައްދާ ވެކްސިން، ކުޑަކުދިންނަށް ރައްކާތެރިތޯ ބެލުމަށް ޓެސްޓުތަކެއް ހަދަން ފަށައިފިއެވެ.

Ads by Sosun Fihaara

އެޔުނިވާސިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިޓެސްޓުތަކަކީ އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އޮކްސްފޯޑް އެސްޓްރާޒެނެކާ ދިނުން ރަނގަޅުތޯ ބެލުމަށް ހަދާ ޓެސްޓުތަކެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުން ރަނގަޅު ނޫން ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވީ ނަމަވެސް، މިބައްޔަށް ގިނަ ކުޑަކުދިން ވެސް ފައްސިވަމުން ދިޔުމާ ގުޅިގެން އޮކްސްފޯޑުން އަންނަނީ ކުޑަކުދިންނަށް ވެސް ވެކްސިން ރައްކާތެރިތޯ ބަލަމުންނެވެ. އެގޮތުން މިއީ ކުރެވޭ ފުރަތަމަ ޓެސްޓުކަން ވެސް އޮކްސްފޯޑްގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މިކަމަށްޓަކައި މިހާރުވެސް 300 އެއްހާ މީހުން ވޮލަންޓިއަރ ކޮށްފި ކަމަށާއި ވެކްސިން ޓެސްޓު ކުރުމުގެ އެންމެ ފުރަތަމަ ޑޯޒް ދޭން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހު ކަމުގައި ވެސް އޮކްސްފޯޑުން ބުނެފައިވެއެވެ.

އޮކްސްފޯޑް އެސްޓްރާޒެނެކާ ވެކްސިން ގިނަ ބަޔަކު ސިފަކޮށްފައި ވަނީ "މުޅި ދުނިޔޭގެ ވެކްސިން" ގޮތުގައެވެ. މިވެކްސިންގެ ތިން ބިލިއަން ޑޯޒް މިއަހަރު އުފައްދަން އަމާޒު ކޮށްފައިވާއިރު، މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 200 މިލިއަނަށްވުރެ ގިނަ ޑޯޒް ވެކްސިން އުފައްދަން ނިންމާފައިވާ ކަމަށް ވެސް އޮކްސްފޯޑުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!