ދުނިޔެ

އިންޑިއާއިން ވެކްސިން ޑެލިވަރ ކުރުން ލަސްވެގެން އެސްޓްރާޒެނެކާއިން ޤާނޫނީގޮތުން ފިޔަވަޅު އަޅަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް (އެސްއައިއައި)އިން އުފެއްދި ވެކްސިން ޑެލިވަރ ކުރުން ލަސްވެގެން އޮކްސްފޯޑް އެސްޓްރާޒެނެކާއިން ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިން އުފައްދައި އެކި ޤައުމުތަަކަށް އެ ވެކްސިން ހަދިޔާ ކޮށްފައިވާ ސީރަމް އިންސްޓިޓިއުޓްގެ ސީއީއޯ އާދަރް ޕޫނަވާލާ ބުނީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކުންފުނިން އެސްއައިއައި އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ކަންބޮޑުވާ ކަމަށެވެ.

"އެސްޓްރާޒެނެކާއިން ވަނީ މި ކުންފުންޏާ ދެކޮޅަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ނިންމައި، ނޯޓިސްއެއް ފޮނުވައިފަ. ނޯޓިސް ފޮނުވައިފައި ވަނީ ވެކްސިން ޑެލިވަރ ކުރަން ބުނި ދުވަހަށް ޑެލިވަރ ނުކުރެވި ލަސްވެގެން. އިންޑިއާ ސަރުކާރުގެ ސަމާލުކަމަށް ވެސް މިހާރު މިކަން އައިސްފައިވާނެ" އާދަރް ބުންޏެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ފަރާތުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނި ކަމުގައިވިޔަސް، ދެ ޤައުމުގެ މެދުގައި މަޝްވަރާ ކޮށްގެން ސުލްޙަވެރި އެއްބަސްވުމަކަށް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާ ސަރުކާރުން ވަނީ ސީރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިން އެހެން ޤައުމުތަކަށް ފޮނުވުން ވަގުތީ ގޮތުން ހުއްޓައިލައިފައެވެ. އެކަމުގެ ސަބަބުން 190 ޤައުމަކަށް އަސަރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!