ކުޅިވަރު

މިއީ ސިޔާސީ ކަމެއް ނޫން، މުޅި ގައުމު މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ: އައްސަދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރާއްޖޭގެ ގައުމީ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާޤް (ދަގަނޑޭ) އާއި އަކްރަމް އަބްދުލްޣަނީ (އަކޫ) އަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް މީހަކު ވާހަކަ ދެއްކުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މުޅި ގައުމު މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ރާއްޖޭގެ ފުރަތަމަ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޣަނީ ބުނެފިއެވެ.

Ads by STELCO

"ދެން"އާ ވާހަކަ ދައްކަމުން އައްސަދު ބުނީ މިއީ ކުދިކުދި ކަންކަން ކަމުގައި އޭނާ ނުދެކޭ ކަމަށެވެ. އަދި ޒުވާނުންގެ ތެރޭގައި މާރާމާރީ އާއި ނޭއްގާނީ އަމަލުތައް އާންމުވެފައިވާ ދުވަސްވަރެއްގައި ރަނގަޅަށް އުޅެން ތިބި، މީހުންގެ އިހްތިރާމާއި ލޯބި ލިބިފައިވާ ބައެއްގެ ނަމަށް ހުތުރުވާ ގޮތަށް ފާޑުފާޑުގެ ހަގީގަތެއް ނެތް ވާހަކަތައް ދައްކާނަމަ އެއީ މުޖުތަމައުގެ ތެރޭގައި ރަނގަޅަށް އުޅެން ތިބި ޒުވާނުންގެ އުއްމީދު ގެއްލުވާލާފާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ.

އައްސަދު އިތުރަށް ބުނީ މިއީ ވަކި ބައެއްގެ ގައުމެއް ނޫން ކަމަށާއި ފުރިހަމަ ދިވެއްސަކަށް ވެވޭނީ ފުރިހަމަ މުސްލިމަކަށް ވެގެން ކަމަށް ދިވެހި ގާނޫނުގައި ވެސް ބުނާ ކަމަށެވެ. އަދި މި ހުރިހާ ކަމެއް މިގޮތަށް އޮއްވާ ދީނީ ކަންކަން މިތަނުގައި އަށަގަންނުވަން މަސައްކަތް ކުރާ މީހުންނާ ދޭތެރޭ އެފަދަ ވާހަކަތައް ދައްކާނަމަ މަޑުން ނުހުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކަން މިހެން އޮތްއިރު، ހަރުދަނާ ދަރިއެއް މި މުޖުތަމައުއަށް ދޫކޮށްފައި ދެވޭނެ ތޯ އައްސަދު ވަނީ ސުވާލު އުފައްދާފައެވެ. އެހެންކަމުން މިއަދު އެންމެން ވެސް މިކަމާ ދެކޮޅަށް ތެދުވަން އެބަ ޖެހޭ ކަމަށާއި މިއީ ވަކި ޕާޓީއަކަށް ނިސްބަތްކޮށް ބުނާ ވާހަކައެއް ނޫން ކަމަށް ވެސް އައްސަދު ފާހަގަ ކުރިއެވެ.

"އަހަރެން ބޭނުމެއް ނޫން ކޮންމެހެން ޕާޓީއެކޭ ކިޔާކަށް. މިއީ އެކަމާ އަޅުވަން ޖެހޭ ކަމެއް ނޫން. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އެއީކީ އަހަރެމެންނާ ބެހޭ ކަމެއް ނޫން. ދިވެހި ގައުމުގެ ރައްޔިތުން ހޮވާފައި ހުންނަ ވެރިއަކު އަބަދުވެސް ހުންނާނީ. އެހެންވީމަ މިއީ މިއަދު ހުރިހާ އެންމެން ވިސްނަން ވެއްޖެ ކަމެއް"

އައްސަދު

މީގެ އިތުރުން އައްސަދު ބުނީ އެފަދަ ވާހަކަތައް ދައްކާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް މިއީ އިސްލާމީ ގައުމެއް ކަމަށާއި އިސްލާމީ މުޖުތަމައުއެއް ކަމަށާއި އެންމެން ވެސް އެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި މިތަނުގައި ފާޅުގައި ފިތުނަ އުފައްދަން ހުއްދަ ދެވިގެން ނުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމަށާއި މިއީ ބައެއްގެ ރޭވުންތެރިކަމުން ހިނގާ ކަމެއް ކަމަށް ވެސް އައްސަދު ވަނީ ސިފަކޮށްފައެވެ.

ބޯދިގު ކުރާ ކޮންމެ މީހަކީ ގޯސް މީހެއް ނޫން، ތުނބުޅި ދިގު ކުރާ ކޮންމެ މީހަކީ ވެސް ގޯސް މީހެއް ނޫން. އަދި ތުނބުޅި ދިގު ކުރާ ކޮންމެ މީހަކީ ދީނީ ކަންކަމަށް އެންމެ ރަނގަޅަށް ހުރުމަތްތެރިކޮށް ހިތާ މީހަކަށް ވެސް ނުވެދާނެ. އެކަން ވެސް އެބައޮތް

އައްސަދު

އެހެންކަމުން އެފަދަ ވާހަކަތައް ދައްކާ މީހުންނަކީ ކޮންކަހަލަ، ކިހިނެއް އުޅޭ ބައެއްތޯ ބަލާލުން ވެސް މުހިންމު ކަމަށް އައްސަދު ބުންޏެވެ. އަދި އަޝްފާޤާއި އަކްރަމް އަކީ ގައުމަށް ރީތި ނަން ހޯދައިދީފައިވާ ގައުމުގެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ބައެއް ކަމަށާއި މިކަންކަމުގެ ސަބަބުން އެމީހުންނަށް ލިބިފައިވާ އިހްތިރާމާއި ލޯބި ކެނޑިގެން ގޮސްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.

ނ.މާފަރަށް އުފަން އައްސަދު އަކީ ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއް ވަންދެން ކުރި ހުނަރުވެރި ޑިފެންޑަރެކެވެ. އަދި އޭނާ އަކީ 2008 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު ޓީމްގެ ކެޕްޓަން ކަމުގެ މަގާމުގައި ހުރި ރާއްޖޭގެ ފުރަތަމަ ގޯލްޑް ކެޕްޓަނެވެ. އަދި 2018 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރު ޓީމްގެ ކެޕްޓަނަކަށް ހުރީ އޭނާގެ ކޮއްކޮ އަކްރަމް އަބްދުލްޣަނީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!