ޚަބަރު

އިޙުތިޖާޖުގެ ބައިވެރިން އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން : އިދިކޮޅު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިރޭ ޕާޓީ އޮފީސް ދޮރުމަތީ ކުރި އިޙުތިޖާޖަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރޭވި އިހުތިޖާޖެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

Ads by STELCO

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އިޙުތިޖާޖު ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ 9 މީހުންނަށް ވުރެ އިތުރު ނުވާ ގޮތަށް ގައިދުރުކޮށް އެކި ހިސާބުގައި ތަފާތު މެސެޖުތަކުގެ (ޝުޢޫރުތަކުގެ) ބޯޑުތައް ހިފައިގެން ތިބެ ސުލްހަވެރިކަމާއެކު އަޑު އުފުލާ ގޮތަށް ކަމުގައެވެ.

"އެހެންނަމަވެސް އެގޮތަށް އެ އިޙުތިޖާޖު ކުރިއަށް ގެންދަން ފެށުމާއެކު، ސަރުކާރުގެ ޢަމުރާ އެއްގޮތަށް ގްރޫޕްތައް ލަވަމުން ގެނެސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ގޮތަށް އިޙުތިޖާޖުގެ ބައިވެރިން އެއްތަނަކަށް ޖަމާކޮށްފައިވަނީ އެވަގުތު އެސަރަޙައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ޙަރަކާތްތެރިވި ފުލުހުންނެވެ. އަދި އިހުތިޖާޖު ރޫޅާލުމުގައި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނަށް ގަސްދުގައި އަނިޔާދިން މަންޒަރު ވެސް ވަނީ ފެނިގެން ގޮސްފައެވެ." އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ، މިއަދު ގެ އިޙުތިޖާޖުގެ ބައިވެރިންނާމެދު ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ދިވެހި ރައްތުންނަށް ކަށަވަރު ކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމާއި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް ނޭޅުމަށާއި، ދިވެހި ރައްޔިތުންނަށް އަނިޔާ ވާ ގޮތަށް ކަންކަން ކުރުމަށް ފުލުހުންނަށް ޢަމުރު ނުކުރުމަށް އެކޯލިޝަންގެ ފަރާތުން ގޮވާލާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!