ދީން

ޙަޔާތް ބަދަލުކޮށްލާނެ ދުވަސްތަކަކަށް ރަމަޟާން ހެދުމަށް ޢަމަލު ކުރުން މުހިންމު ކަންތައްތަކެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 55 ދުވަހެވެ. ބަރަކާތާއި ރަޙުމަތުން ފުރިގެންވާ އެ މައްސަރުގެ ހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި ހޯދަން ބޭނުންވާ މީހާއަށް އޮތީ އެކަމަށް އެދި މަސައްކަތް ކުރުމެވެ. އެކަމަށް ތައުފީގު ދެއްވުން އެދި ދުޢާކޮށް ރޫޙު ތާޒާ ކުރުމެވެ.

Ads by STELCO

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ހެޔޮ ގޮތުގައި ހޭދަ ކުރުމަށް މިކަންކަމަށް މިހާރުންސުރެ ތައްޔާރު ވާށެވެ.

ޢިލްމު އުނގެނޭށެވެ.

ރޯދަޔާ ގުޅުންހުރި ކަންކަމުގެ ޢިލްމު އުނގެނޭށެވެ. ޤުރުއާން ކިޔަވަން ފަރިތަކޮށް ހެނދުނާއި ހަވީރުގެ ޒިކުރުތަކުގެ އިތުރުން އެކި ކަންކަމުގައި ކިޔުމަށް ވާރިދު ވެފައިވާ ދުއާތައް ދަސް ކުރާށެވެ. ވަކީން ޚާއްޞަކޮށް އެ ދެންނެވޭ ބަހުގެ މާނަ ހިތް މައްޗަށް ގެނެވޭ ގޮތަށް ދަސް ކުރާށެވެ.

އިޚްލާސްތެރި ތައުބާއަކުން ތައުބާ ވާށެވެ.

ސާފު ހިތަކައިގެން ރަމަޟާން މަހާ ބައްދަލު ކުރުމަކީ އެމަހުގެ ބަރަކާތަށް މަގު ދައްކައިދޭނެ ގޮތެވެ. އެހެންކަމުން އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ، އެ ގޮތުގައި އެމަހާ ބައްދަލު ކުރުމަށް އާއިލީ މެމްބަރުންނާއި ރަޙުމަތްތެރީންނަށް ވެސް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރާށެވެ.

ދުޢާކޮށް ތަސްބީހަ ކިޔުމުގެ އާދަ އަށަގަންނުވާށެވެ.

ޒިކުރުކޮށް ތަސްބީހަ ކިޔުމަކީ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަދި ދަރުމައާ ސަވާބުން ފުރިފައިވާ ފަސޭހަ އަޅުކަމެކެވެ. އެހެންކަމުން ރަމަޟާން މަސް ފެށުމުގެ ކުރީން މަތިވެރި ޒިކުރުތަކާއި ތަސްބީހަތައް ދަސްކޮށް ، އެ އަޅުކަމަށް ނަފްސު އަށަގަންނުވާށެވެ.ހަމަ އެހެންމެ ރަމަޟާން މަހުގައި ޚާއްޞަކޮށް ކިޔުމަށް އަންގަވާފައިވާ ދުޢާތަކާއި ތިމާގެ މުހުތާދު ތަކާ ގުޅޭ ދުޢާތައް ވެސް ދަސްކޮށް އެ ދުޢާތަކަށް ދޫ ހާނުވާށެވެ.

ނަމާދަށް ފަރުވާތެރިވާން ފަށާށެވެ.

ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއެ ހުރުމެއް ނޫނެވެ. އަދި ކިއެއްތަ! ތިމާގެ އަތާއި ދުލުން އެހެން މީހުން ސަލާމަތްތެރިވެގެން ވުމާއެކު ނަމާދު ކަންފަތާއި ލޯ ވެސް ފާފަތަކާ ދުރުކޮށް ނަމާދު ގާއިމް ކުރުމަކީ ރޯދައިގެ ހަގީގީ މާނައެވެ. އެހެންކަމުން ނަމާދަށް ފަރުވާކުޑަ ކުރެވޭ މީހެއް ނަމަވެސް ރަމަޟާން މަސް ފެށުމުގެ ކުރީން ނަމާދަށް ފަރުވާތެރި މީހެއް ކަމުގައި ވާށެވެ.

ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާށެވެ.

ރަމަޟާން މަހަކީ ހެޔޮ ކަމުގެ ދެވަނަ އެއް ނެތްފަދަ މޫސުމެކެވެ. އެހެންކަމުން އެމަހުގައި ތިމާ ހާސިލް ކުރާން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާ އެ އަމާޒުތަކަށް ޙާޞިލްވާން ކުރާ މަސައްކަތުގެ ތާވަލް އެކަށައަޅާށެވެ. އޭރުން އެކަން ހާސިލް ކުރަން ފަސޭހަ ވާނެއެވެ. މިސާލަކަށް ޤުރުއާން ކިޔެވުމާއި އެހެނިހެން އަޅުކަންތަކަށް ވެސް ވަގުތު ކަނޑައަޅާ ދިރިއުޅުމުގެ އެހެނިހެން ކަންކަން އެ ވަގުތުތަކުން ދުރުކޮށް އެކަންކަން ކޮށް ނިންމާފައި ބަހައްޓަން އާދަ ކުރާށެވެ.

ޞަދަގާތަށް މިންވަރެއް ރައްކާތެރި ކުރާށެވެ. 

ހެޔޮކަމުގެ ބަދަލު އިތުރުވެގެންދާ ރަމަޟާން މަހުގައި ސަދަގާތާމެދު ފަރުވާ ކުޑަކޮށް ނުލާށެވެ. ޚާއްޞަކޮށް ފަހު 10 ގެ އޮނަހިރި ރޭތަކުގައި އެކަމަށް ވަކީން ބޮޑު ސަމާލުކަމެއް ދޭން ވާނެއެވެ. އެހެންކަމުން އެކަމަށް ޓަކައި މިހާރު ވެސް ކޮންމެވެސް މިންވަރެއް ރައްކާ ކުރާށެވެ.

އަވަހަށް ބާޒާރުކޮށް ނިންމުން

ރަމަޟާން މަހަކީ ގިނަ ގޭގޭގައި ތަފާތު ކާ އެއްޗެހި ތައްޔާރު ކުރާ މައްސަރެކެވެ. ކޮންމެ ދުވަހަކު ވެސް ތަފާތު އެއްޗެހިތަކެއް ތައްޔާރު ކުރާ މީހުން ކޮންމެ ދުވަހަކު ވެސް އަވަދިނެތި އުޅެނީ ބާޒާރު ކުރުމުގައެވެ. އެއްޗެހި ހަމަ ކުރުމުގައެވެ. އޭގެ ބަދަލުގައި މައިގަނޑު ކޮއްތު ކުރީބައިގައި ހަމަކޮށްފައި ބަހައްޓާށެވެ. ރަމަޟާން މަހުގެ ގިނަ ވަގުތުތަކަކީ ބާޒާރު ކުރުމުގައި ހޭދަ ކުރާ ވަގުތަކަށް ނުހަދާށެވެ.

މީޑިއާ ލައިބްރަރީ ސާފު ކޮށްލާ ޙަރާމް ގުޅުންތަކުން ދުރުވާށެވެ.

މީޑިއާ ލައިބްރަރީގައި ލަވަޔާ މިޔުޒިކާ ވާނަމަ އަވަހަކަށް އެ ލައިބްރަރީ ސާފު ކޮށްލާށެވެ. ނޭދެވޭ ވީޑިއޯތަކާ އޯޑިއޯތައް އެކީއެކަށް ފޮހެލާށެވެ. އަދި އުފެދިފައި އޮތް ޙަރާމް ގުޅުމެއް ވާނަމަ އަވަހަށް އެކަމާ ދުރުވެ ، ރަމަޟާންގެ ބަރަކާތް ލިބުމަށް އަޒުމް ކަނޑައަޅާށެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!