އިސްޓާކީނަށް އަރައިގެން ނިދަން މަސައްކަތް ކުރާނަމަ، އަވަހަށް ނުނިދިގެން އުޅޭކަށް ނުޖެހޭނެ!

އިސްޓާކީނަށް އަރައިގެން ނިދުމަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ކަމެއް ކަމަށް ޓިކްޓޮކްގައި ވީޑިއޯތައް ހަދައި މަގުބޫލުކަން ހޯދައިފައިވާ ޑޮކްޓަރަކު ބުނެފިއެވެ.
ޑރ.ޖެސް އަންޑްރޭޑް އަކީ ޓިކްޓޮކްގައި ވަރަށް ގިނަ ބަޔަކު ފޮލޯ ކުރާ މީހެކެެވެ. އެގޮތުން އޭނާގެ ޓިކްޓޮކްގައި މިލިއަނަކަށްވުރެ ގިނަ ފޮލޯވަރުން އުޅެއެވެ. އޭނާ ވަނީ ދާދިފަހުން "ސޮކްސް ޓު ބެޑް" ގެ ނަމުގައި ވީޑިއޯއެއް ހިއްސާ ކޮށްފައެވެ. މި ވީޑިއޯ 17 މިލިއަން ފަހަރު ބަލާފައިވާއިރު މި ވީޑިއޯގައި ކިޔައިދީފައި ވަނީ އިސްޓާކީނަށް އަރައިގެން ނިދަން މަސައްކަތް ކުރުމުން ފަސޭހައިން ނިދޭ ސަބަބެވެ.
ޑޮކްޓަރު ޖެސް ބުނެފައި ވަނީ އިސްޓާކީނަށް އަރައިގެން ނިދުމަކީ ފައިތިލަ ހޫނުކަން މަތީ ދަމަހައްޓައިދޭ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގެ ލޭ ހޮޅިތައް ހުޅުވައިދީ، ހަަށިގަނޑު ހަމަޖައްސައިދޭ ކަމަށެވެ.
މީގެ އިތުރުން ޑރ.ޖެސް ބުނެފައި ވަނީ މީހާ ހަމަޖެހުމުން ނިދާ ވަގުތު ޖެހުނީކަން ސިކުނޑިއަށް އެނގިގެންދާނެ ކަމަށެވެ. އެހެންކަމުން އިސްޓާކީނަށް އަރައިގެން ނިދަން މަސައްކަތް ކުރުމުން ނުނިދި އޮންނަން ނުޖެހޭނެ ކަމަށް މި ޑޮކްޓަރު ވަނީ ބުނެފައެެވެ.
މި ވީޑިއޯއަށް ގިނަ ބަޔަކު ކޮމެންޓު ކޮށްފައި ވަނީ އިސްޓާކީނަށް އަރައިގެން ނިދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެއެވެ. އެގޮތުން އިސްޓާކީނަށް އަރައިގެން ނިދަން އުޅޭނަމަ ނޭވާ ވެސް ނުލެވޭ ކަމަށް މީހަކު ބުނެފައިވެއެވެ.