ބަލިމަޑުކަމެއްގައި، އަމިއްލަ ނަފްސާއި ތިމާގެ އަޚާ ރައްކާތެރި ކުރުމަށް މަަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް: ހުތުބާ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި އަޅުގަނޑުމެން މިވަނީ އެކަކު އަނެކެއްގެ މަދަދުވެރިކަމާއި އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ. މިއަދު މި ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަނެވޭނީ އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވެދީގެން ކަން ގައިމެވެ. އެހެންކަމުން، މި ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް ފަރުދީ ޒިންމާ އަދާ ކުރަން އެބަ ޖެހެއެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ތިމާ އާއި އަނެކުންގެ މަސްލަހަތަށް ރައްކާތެރިވުން" މިއެވެ.
މިއަދު އިންސާނުން ތަހައްމަލު ކުރަމުންދާ ހާލަތަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމަކާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި ނުތަނަސްކަމުގެ ހާލަތެއް ކަމަށް ހުތުބާގައި ސިފަ ކޮށްފައި ވެއެވެ. އަދި ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތް ވުމަށްޓަކައި ﷲގެ ހަޒްރަތުން ރައްކާތެރިކަމަށް އެދޭ ހާލު އަޅުކަން ކުރުމަށާއި ބޭނުން ޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ ނަސޭހަތާއި އިރުޝާދު ދިނުމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުުރުން ހުތުބާގައި ބުނެފައިވަނީ މިފަދަ ބަލިމަޑުކަމެއްގައި އުޅޭއިރު އަމިއްލަ ނަފްސާއި ތިމާގެ އަޚާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށެވެ. އެހެން ކަމުން ނަމާދަށާއި ހުކުރު ނަމާދުގެ ޖަމާއަތަށް އަންނައިރު، މާސްކު އެޅުމަށާއި މުޞައްލަ ގެނައުމަށް ހުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެެ. އަދި މިފަދަ ބަލިމަޑުކަމެއްގައި ޟަރޫރަތެއްގެ ގޮތުން އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ނަމާދު ކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.
"މިއަދު ހަލުވި ކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ ނުރަނގަޅު އެންމެހާ އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފުމާއެކު ﷲގެ ރަހުމަތް ފުޅުންނެވެ. މާޒީގައި ﷲގެ ނަބިއްޔުންނާއި ރަސޫލުން ވެސް މިފަދަ އެތައް ހިތްދަތި ހާދިސާތަކާ ކުރިމަތިލިއެވެ. ނަމަވެސް އެބޭބޭކަލުން ﷲގެ ރަހްމަތާއި އޯގާވަންތަކަމުން މާޔޫސްވެ ވަޑައިގަތުމެއް ނެތި ދުއާ ދެންނެވުމުގައި ސާބިތުވެ ތިއްބެވިއެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ދުނިޔެވީ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތި ކަމަކަށްފަހު އެތައް ފަސޭހަކަމެއް އަންނާނެ ކަމަށް ﷲ ވައުދުވެ ވޮޑިގެންފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި އެ ވައުދުފުޅުގެ މަތީން ހަނދުމަކޮށް ހިތްވަރު އައު ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.