ވެކްސިން ދިނުމަށްފަހު ނިޔާވި ކަމަށް ބުނާ މީހާ މުސްކުޅި ބަލީގައި އެނދުމަތި ވެފައި އޮންނަތާ 10 އަހަރު: ކައުންސިލް
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮވިޝީލްޑް ވެކްސިން ޖެހުމަށް ފަހު ނިޔާވިކަމަށް ބުނާ އުމުރުން 93 އަހަރުވީ މީހާއަކީ، މުސްކުޅި ބަލީގައި އެނދުމަތި ވެފައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސްވީ މީހެއް ކަމަށް ގދ. ގައްދޫ ކައުންސިލުން މައުލޫމާތު ދެއްވައިފިއެވެ.
ކޮވިޑަށް ވެކްސިން ޖެހި ފަހުން ގައްދޫން އުމުރުން ދުވަސްވީ ފިރިހެނަކު މިއަދު ހެނދުނު އެއަތޮޅު ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވަނީ ނިޔާވެފައެވެ.
ގައްދޫ ކައުންސިލް މެމްބަރ ޢާމިރު ޢަބްދުﷲ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ ނިޔާވީ ވެކްސިން ދިނުމުންނޭ ދެންނެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް އެމީހާއަކީ މުސްކުޅި ބަލީގައި، 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެނދުމަތި ވެފައި އޮތް މީހެއް ކަމަށް ޢާމިރު ވިދާޅުވިއެވެ.
"ނިޔާވި މީހާއަކީ ގާތްގަނޑަކަށް 10 އަހަރަށް ވުރެ ވެސް ގިނަ ދުވަސްވަންދެން ތަންމަތީގައި، ބަލި އެނދުގައި އޮތް މީހެއް. އެމީހާގެ އުމުރުން ގާތްގަނޑަކަށް 100 އަހަރާ ގާތްވެދާނެ. އަޅުގަނޑު ސީދާ ނުބުނާނަން ވެކްސިން ދިނީމައޭ ނިޔާވީ. މިހުރިހާ ދުވަސް ވަންދެން ވެސް ވަރަށް ހާލުގައި އޮތް ބަލި މީހެއް އެއީ" ގައްދޫ ކައުންސިލު މެމްބަރ ޢާމިރު ވިދާޅުވިއެވެ.
ނިޔާވި މީހާއަށް ވެކްސިން ދީފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ނިޔާވި މީހާއަށް ވެކްސިން ޖެހީ މިމަހުގެ 17 ވަނަ ދުވަހު ކަމަށާއި އެމީހާ މަރުގެ ކަންތައް ތަޙްޤީޤް ކުރެވެމުން ދާ ކަމަށެވެ.