ދީން

ޝައުބާން މަހު ރޯދަ ހިފުމަކީ ރަމަޟާން މަހަށް ވެވޭ ތަމްރީނެއް

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 51 ދުވަހެވެ. އެންމެ ހެޔޮ ޙާލުގައި މި މަހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު އަޅަމެންނަށް ދެއްވާ އެމަހުގެ ރުއްސެވުމާއި ދިންނެވުން އަޅަމެންނަށް ދެއްވާށިއެވެ! އާމީން!

Ads by Hajj Corporation

ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް އަހަރެމެން ކުރަން އޮތް މަސައްކަތްތައް ގިނަ ގުނައެވެ. ފުރަތަމަ ކަމަކަށް ހިތް ނިޔަތް ޚާލިޞްކޮށް ތެދުވެރި ތައުބާއަކުން ތައުބާވުން މުހިންމެވެ. އެހެނީ އަހަރެމެންނަކީ އަބަދާއި އަބަދު ފާފައަށް ހުށަހެޅި ފާފަތައް ކުރެވެމުންދާ ބައެކެވެ. އެހެންކަމުން ތައުބާއާއެކު ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމި ހުންނަން ޖެހެއެވެ. އަޖަލަކީ އެނގިގެން ނުވާ ކަމަކަށް ވީހިނދު ރަމަޟާން މަހާ ބައްދަލުވުމުގެ ނަސީބު ދެއްވާތޯ ތާ އަބަދު ދުޢާ ކުރަން ޖެހެއެވެ.

މީގެ އިތުރުން ޤުރުއާން ކިޔެވުމާއި ޒިކުރުތައް ދަސްކޮށް ފަރިތަކޮށް ޒިކުރުތަކަށް ދޫ ހޭނުން މުހިންމެވެ. އެއީ އާދައެއް ކަމަށް ހެދުން މުހިންމެވެ. ދިންނެވުމާއި ދެއްވުމުގެ އިމެއް ނެތް އެ މައްސަރުން އަހަރެމެންގެ ނަފުސު މުއްސަނދި ކުރެވޭނީ އޭރުންނެވެ.

ރަމަޟާންމަހާ އިސްތިގުބާލް ކުރުމުގެ ދުވަސްތައް އަހަރެމެން ގުނަމުންދާއިރު ކުރިއަށް އޮތީ ޝައުބާން މަހެވެ. އެ މަހަކީ ވެސް ޚާއްޞަ މަހެކެވެ.އެއީ އަޅުތަކުންގެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަހެކެވެ. އެހެންކަމުން ޝަޢުބާން މަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް ގިނައިން ރޯދަ ހިއްޕެވިއެވެ.

ޝައުބާން މަހުގައި ރޯދަ ހިފުމަށް އިރުޝާދު ދެއްވާފައިވާ ސަބަބާ ގުޅޭ ގޮތުން ޢިލްމުވެރީން ހާމަ ކުރައްވާ ވަރަށް މުހިންމު ހިކުމަތެއް ވެސް ވެއެވެ. އެއީ ފަރުޟު ނަމާދުތަކުގެ ކުރިން އިހު ސުންނަތް ކުރާ ފަދައިން ކުރެވޭ ކަމެއްގެ ގޮތުގައި ވުމެވެ. ފަރުޟު ނަމާދުގެ ކުރީން ސުންނަތް ކުރުމަކީ ނަމާދަށް ތިމާގެ ޚުޝޫޢަތްތެރިކަން އިތުރުވެ، ފަރުޟު ނަމާދަށް އިތުރު ސަމާލުކަމެއް ދެވި ފުރިހަމައަށް ތައްޔާރީވާން ލިބޭތީއެވެ. ހަމަ އެގޮތަށް ޝައުބާން މަހު ރޯދަ ހިފުމަކީ ރަމަޟާން މަހަށް ވެވޭ ތަމްރީނެއްގެ ގޮތުގައި ބައެއް ޢިލްމުވެރީން ސިފަ ކުރައްވައެވެ.

عَنْ أُسَامَة بْن زَيْدٍ قَالَ: قُلْتُ: يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ، قَالَ: ((ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ)) [رواه أحمد والنسائي وحسنه الألباني]

މާނައީ: މާތް ﷲ ރުއްސުންލެއްވި أسامة بن زيد ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާން މަހު ކަލޭގެފާނު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. ޙަދީޡްފުޅު ކުރެއްވިއެވެ.

“ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުވާ މަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލު ވެފައިވާ މަހެކެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަން ކަލޭގެފާނު ލޯބި ކުރައްވަމެވެ.”

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!