ރިޕޯޓް

މިފޮޓޯއިން ވެސް ރައްޔިތުންގެ ސުވާލު ސަރުކާރަށް: މަގޭ ފްލެޓު ކޮބާ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މިދަތިކަމަކީ އެކިއެކި ސަބަބުތަކާހެދި މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާ އަތޮޅު ތެރޭގެ ރައްޔިތުންގެ އިތުރުން، ޚުދު މާލޭގައި ރައްވެހިވެފައިވާ ރައްޔިތުންނަށް ވެސް ފޯރާފައިވާ ދަތިކަމެކެވެ.

Ads by STELCO

ތޮއްޖެހިފައިވާ މާލޭގައި ކުޑަ ކޮޓަރިތަކާ އެޕާޓްމަންޓުތަކުގައި ރައްޔިތުން ދިރިއުޅެނީ، އެނޫން އެހެން ގޮތެއް ނެތިގެންނެވެ. ގިނަ ފަހަރަށް ވަންނާނެ އެހެން ތަނެއް ވެސް ނެތިގެންނެވެ. މީގެ އިތުރުން، ބޮޑު ކުލި ދައްކައިގެން އަލިފާން ފޮއްޓެއްވަރުގެ ތަންކޮޅެއްގައި ވެސް ގިނަ މީހުން ދިރިއުޅެނީ، މަގުމަތިވުމަށްވުރެ އެގޮތް ވެސް ރަނގަޅު ވާނެތީއެވެ.

ރައްޔިތުންގެ މިކަންބޮޑުވުންތަކަށް ކުޑަކޮށްވެސް ހިތްހަމަޖެހުމެއް ލިބުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫޢުގެ ދަށުން ތަރައްޤީކުރި 7000 ފްލެޓު ލިބޭނެ ކަމުގެ ފޮނި އުންމީދުންނެވެ.

ކުރީގެ ސަރުކާރުން ފްލެޓު ދޫކުރިއިރު ގިނަ އަދަދެއްގެ ރައްޔިތުން، ބޯހިޔާވަހިކަން ހޯދުމަށް ކުރިމަތިލިއެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ކަށަވަރުވިއެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމަށްފަހު، ކުރިން ފްލެޓު ލިބުނު ގިނަ ފަރާތްތަކަށް އެފްލެޓުތައް ލިބެން ނެތް ކަމަށް ކަނޑައެޅުމުގެ އިތުރުން، ތިން ކެޓަގަރީއެއްގެ ފްލެޓް ދޫކުރުން އިއްޔެ ސަރުކާރުން ވަނީ ބާތިލު ވެސް ކޮށްފައެވެ.

އެގޮތުން ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކީ:

▪︎ އެޗް11: އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)

▪︎ އެޗް13: މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)

▪︎ އެޗް15: އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި)

"ހިޔާ" މަޝްރޫޢުގެ އެފްލެޓުތައް ނުދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވަނީ މިއަދު ވެސް މާލޭގައި އިހުތިޖާޖު ކޮށްފައެވެ. އެއިހުތިޖާޖުގައި އެކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ ބައިވެރިވެފައެވެ.

އެގޮތުން ފްލެޓު ލިބޭނެ ކަމަށް ކުރިން ލިޔުން ލިބުނު ބައެއް ފަރާތްތަށް ވެސް ހިމެނެއެވެ. އެލިޔުން އެންމެންނަށް ވެސް ފެންނާނެ ގޮތަށް ދައްކާލައިގެން، އެފަރާތްތަކުން ދެމުން ދިޔަ މެސެޖަކީ، އެމީހުންނަށް ލިބުނު ކަމަށް ކަނޑައެޅި އެއްޗެއް މިހާރު ނިގުޅައިގެންފައިވާ ކަމުގެ މެސެޖެވެ. އަދި އެކަމުގެ ހިތާމައިގެ އަަސަރު އެމީހުންގެ މޫނުމަތިން ވެސް ފެންނަން ހުއްޓެވެ.

ޚަބަރުން މި ފެންނަ ފޮޓޯއަކީ "ދެން" ގެ ފޮޓޯގްރާފަރ އިބްރާހިމް ޝަމްވީލުގެ ކެމެރާއަށް މިއަދުގެ މުޒާހަރާއިން ޚާއްޞަވި ފޮޓޯއެކެވެ. ފޮޓޯއިން ފެންނަނީ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓު ލިބުނުކަމުގެ ލިޔުން ލިބިފައިވާ މީހެކެވެ. އޭނާ މިއަދު އެލިޔުން ހިފައިގެން އަސަރާއެކު މުޒާހަރާއަށް ގޮސް އެހުރީ މިހާރު އޭނާ އަތުން ފްލެޓް ނިގުޅައިގެންފައި ވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!