ދީން

ހަމައެކަނި މި އުއްމަތަށް ރަމަޟާން މަހުގައި ދެވިފައިވާ ފަސް ކަމެއް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 50 ދުވަހެވެ. އެންމެ ހެޔޮ ހާލުގައި އަޅަމެން ، ރަހުމަތުގެ މި މައްސަރާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު ދެއްވާ އެ މަހުގެ ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރައްވާށިއެވެ. އާމީން!

Ads by STELCO

ރަމަޟާން މަހަކީ ޚާއްޞަ މައްސަރެކެވެ. ހެޔޮކަމުން ފުރިގެންވާ މައްސަރެކެވެ. ކުރީގެ އުއްމަތަށް ދެވިގެން ނުވާ ފަސްކަމެއް ރަމަޟާން މަހުގައި ، ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތަށް ނުވަތަ މި އުއްމަތަށް ދެވިފައި ވެއެވެ.

އިމާމް އަޙްމަދު، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

" أُعْطِيَتْ أمَّتِي خمسَ خِصَال في رمضانَ لم تُعْطهُنَّ أمَّةٌ من الأمَم قَبْلَها؛ خلُوف فم الصائِم أطيبُ عند الله من ريح المسْك، وتستغفرُ لهم الملائكةُ حَتى يُفطروا، ويُزَيِّنُ الله كلَّ يوم جَنتهُ ويقول: يُوْشِك عبادي الصالحون أن يُلْقُواْ عنهم المؤونة والأذى ويصيروا إليك، وتُصفَّد فيه مَرَدةُ الشياطين فلا يخلُصون إلى ما كانوا يخلُصون إليه في غيرهِ، ويُغْفَرُ لهم في آخر ليلة، قِيْلَ يا رسول الله أهِيَ ليلةُ القَدْرِ؟ قال: لاَ ولكنَّ العاملَ إِنما يُوَفَّى أجْرَهُ إذا قضى عَمَلَه"

މާނައަކީ " ކުރީގެ އުއްމަތްތަކަށް ދެވިފައިނުވާ ފަސް ކަމެއް ރަމަޟާން މަހުގައި ތިމަންކަލޭގެފާނުގެ އުއްމަތަށް ދެވިފައިވެއެވެ. ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވަސް ގަދަވުން، ރޯދަ ވީއްލުމަށް ދާންދެން ރޯދަ ވެރިންނަށްޓަކައި ފާފަފުއްސެވުން އެދި މަލާއިކަތުން ދުޢާ ކުރެއްވުން އަދި ކޮންމެ ދުވަހަކު ﷲ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ވަޙީ ކުރައްވަތެވެ. ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން ބުރަވެތިކަމާއި އުނދަގޫތައް ފިލައި ސުވަރުގެއާ ދިމާއަށް އައުން ކައިރި ވެގެން ވެއެވެ. އަދި މަގު ފުރެއްދުމުގައި އުޅޭ ޝައިޠާނުންތައް އެމައްސަރުގައި ކަސްތޮޅު އަޅުވާލެވުން. ދެން އެސޮރުމެން އެހެން މައްސަރުތަކުގައި ކުރަމުން އަންނަ ކަންތައްތައް ކުރުމަށް ދޫކޮށެއް ނުލެވޭނެއެވެ. އަދި ރޯދަމަހުގެ ފަހު ރޭގައި ރޯދަވެރިންގެ ފާފަ ފުއްސެވޭނެއެވެ. ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ލައިލަތުލް ޤަދްރި ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ނޫނެކެވެ. އެހެނެއްކަމަކު، ކޮންމެމީހަކަށް ވެސް އޭނާގެ ފުރިހަމަ އުޖޫރަ ދެވެނީ އޭނަގެ މަސައްކަތް ނިންމާލާ ވަގުތުގައެވެ. (އެހެންވީމާ ރޯދަވެރިންނަށް ވެސް އޭގެ ފުރިހަމަ އުޖޫރައާއި ޘަވާބު ދެވޭނީ ރޯދަމަހުގެ އެންމެ ފަހު ރޭގައެވެ.)

ރަމަޟާން މަހަކީ މިފަދަ ދީލަތިކަމާއި މަތިވެރިކަން ޚާއްޞަވެގެންދާ މަހެކެވެ. އެ ސަބަބާހުރެ އަހަރެމެންގެ ގިނަ ބަޔަކު ވެސް ރަމަޟާން މަހުގައި އަޅުކަން ކުރުމަށް އިތުރަށް ހީވާގިއެވެ. ބުރަ މަސައްކަތް ކުރެއެވެ. ނަމަވެސް ހިތާމަޔަކީ ހަމައެކަނި ރަމަޟާން މަހުގައި އަޅުކަން ކުރުމުގައި ޚާއްޞަ ވުމެވެ. އަޅުކަން ކުރަންވީ ހަމަ އެކަނި އެ މަހުގައެއް ނޫނެވެ. އެމަހުގެ ކުރިންނާއި ފަހުން ވެސް މެއެވެ. އެހެނީ އަހަރެމެން ވާންވީ الله ގެ އަޅުންނަށެވެ. ރަމަޟާން މަހުގެ އަޅަކަށް ނޫނެވެ.

رواه البزار والبيهقي في كتاب الثواب وإسناده ضعيف جداً، لكن لبعضه شواهد صحيحة.)

(ޙަދީޘް ރިވާކުރެއްވީ އަލްބައްޒާރު އާއި އަލްބައިހަޤީ އެކަލޭގެފާނުގެ كتاب الثواب  ގައެވެ. މި ޙަދީޘަކީ ސަނަދުގެ ގޮތުން ވަރަށް ބަލިކަށި ޙަދީޘެކެވެ. އެހެން ނަމަވެސް މި ޙަދީޘަށް ބާރުލިބޭ އެހެން ޞައްޙަ ރިވާޔަތްތައް އައިސްފައިވެއެވެ.)

 

މަސްދަރު: ނޫރުލް އިސްލާމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!