ލައިފްސްޓައިލް

ތިބާއަށް އިތުބާރު ކުރާ މީހަކަށް އޮޅުވައި ނުލާށެވެ. ތިބާއަށް ދޮގުހަދާ މީހަކަށް އިތުބާރު ނުކުރާށެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިތުބާރަކީ ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗެކެވެ. ކޮންމެ ގުޅުމެއް ދެމެހެއްޓުމަށްޓަކައި ވެސް އެންމެ މުހިންމު އެކައްޗަކީ އިތުބާރުކަން ގައިމެވެ. އިތުބާރަކީ ލޯބީގެ ތަޅުދަނޑިކަމަށް ބުނެ އުޅެއެވެ. ހަމަ އެފަދައިން އެއީ އެކުވެރިކަމުގެ ވެސް ތަޅުދަނޑިކަން ވެސް ޔަގީނެވެ. އިތުބާރާ ނުލާ އެކުވެރިކަމެއް ވެސް އަދި ލޯބީގެ ގުޅުމެއް ވެސް ދެމިއެއް ނޯންނާނެއެވެ.

Ads by MWSC

އިތުބާރަކީ ހޯދަން ގިނަ ދުވަސްތަކެއް ހޭދަވާ އެއްޗެކެވެ. ދިރިއުޅުމުގައި މިއަދު ދިމާވާ މީހަކަށް މާދަމާ އިތުބާރު ނުކުރެވިދާނެއެވެ. އަދި ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ވެސް ނޫނެވެ. ދެމީހެއްގެ ދެމެދުގައި އިތުބާރު އުފެދެނީ އެންމެ ފުރަތަމަ އެދެމީހެއްގެ ދޭތެރޭގައި ގާތް ގުޅުމެއް އުފެދިގެންނެވެ. އެކަކު އަނެކަކަށް ދެމީހުންގެ ވެސް އުޅުން ދަސްވެގެންނެވެ. ދެމީހުންގެ މިޒާޖު ދަސްވެގެންނެވެ.

ދިރިއުޅުމުގައި ތިބާއަށް އިތުބާރު ކުރާ މީހަކަށް ދޮގު ހަދައި އޮޅުވާ ނުލާށެވެ. އެހެނީ އިތުބާރަކީ ގިނަ ދުވަސްތަކަކުން ހޯދޭ އެއްޗަކަށް ވީ ނަމަވެސް އިތުބާރު ގެއްލެން މަދު ސިކުންތު ކޮޅެއް ވެސް ނުނަގާތީއެވެ. ތިބާއަށް ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ވެސް ތިބާ ކުރާ ހުރިހައި ކަމަކާ މެދު ސުވާލު އުފެދިދާނެއެވެ. އަދި ގެއްލިއްޖެ އިތުބާރަކީ އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެކެވެ.

ހަމަ އެ ބީދައިން ދިރިއުޅުމުގައި ތިބާއަށް ދޮގުހަދައި އޮޅުވާލި މީހަކަށް ދުވަހަކު ވެސް އިތުބާރު ކުރުމަކީ މޮޅު ގޮތެއް ނޫނެވެ. އޭނާ ބަދަލުވެއްޖެ ކަން ތިބާއަށް ވަރަށް ރަނގަޅަށް ޔަގީން ވެއްޖެ ނަމަ ނޫނީއެވެ. އެހެނީ އެއް ދޮގު ފޮރުވުމަށްޓަކައި އެތައް ހާސް ދޮގެެއް ވެސް އެމީހަކު ހަދާފާނެއެވެ.

ވިސްނާ ފިކުރު ކޮށްލާށެވެ. އިތުބާރަކީ ވަރަށް ވެސް މުހިންމު، އެހާމެ އަގުހުރި އެއްޗެކެވެ. އެހެންކަމުން ތިބާއަށް އިތުބާރު ކުރާ މީހަކަށް ދުވަހަކު ވެސް އޮޅުވާ ނުލާށެވެ. އަދި ތިބާއަށް ދޮގު ހަދައި އޮޅުވާލި މީހަކަށް ދުވަހަކު ވެސް އިތުބާރު ނުކުރާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!