ނ. އަތޮޅުގެ ދެރަށަކުން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫ އާއި ވެލިދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
މި ދެއޮޕަރޭޝަނުގެ ތެރެއިން ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ވެލިދޫގެ ގެއެއް ބަލައި ފާސް ކޮށްފައި ވާއިރު، އެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅުގެ ދެ ކޮތަޅު ފެނިފައި ވެއެވެ. އަދި މި މައްސަލައާ ގުޅިގެން 26 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ނ. ހޮޅުދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އެމީހާ އެރަށު ބަނދަރުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 42 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ 8 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަތައް ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.