ދީން

ފަޤީރަކީ ހަޔާތަށް ހެޔޮ ބަދަލެއް ނުގެނެސް ރަމަޟާންމަހާ އަލްވަދާއު ކިޔާ މީހާއެވެ. 

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 49 ދުވަހެވެ. އެންމެ ހެޔޮ ޙާލުގައި މި މަހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު އަޅަމެންނަށް ދެއްވާ އެމަހުގެ ރުއްސެވުމާއި ދިންނެވުން އަޅަމެންނަށް މިންވަރު ކުރައްވާށި އެވެ! އާމީން!

Ads by STELCO

އެއްވެސް ކަމަކީ އެކަމަކަށް ބޭނުން ވުމަކުން އެކަނި ޙާޞިލް ކުރެވޭނެ ކަމަކަށް ނުވާ ހިނދު ، ރަމަޟާން މަހުގެ ބަރަކާތާއި ރަޙުމަތް ލިބުން އެދޭ މީހާ ދަންނައެވެ. މި ބަރަކާތެރި ރަމަޟާން މަހާ ބައްދަލު ވުމުގެ ކުރީން ހިތް ނިޔަތް ޚާލިޞްކޮށް ތެދުވެރި ތައުބާއަކުން ތައުބާވާން އަވަސްވެ ގަންނާށެވެ. ފަރުޟު އަޅުކަންތަކަށް ރައްކާތެރިވެ ހެޔޮ ޢަމަލުގައި ކުރިއަރައި ދާށެވެ. އެގޮތުން ދުޢާތަކާއި ޒިކުރުތައް ދަސްކޮށް އެ ތަކެއްޗަށް ދޫ ހާނުވާށެވެ.

ރަމަޟާން މަހަކީ އަހަރެމެންގެ އުޅުމާއި ގުޅުންތައް ބަދަލުކޮށްލާ މައްސަރެކެވެ. ހަދިޔާ ބަދިޔާ ބަދަލުކޮށް އާއިލީ ގުޅުންތައް ބަދަހިވާ ގިނަ ކަންކަމަށް އިސްކަންދޭ ތަން މި މައްސަރުގައި ފެނިގެން ދެއެވެ. އަޅުކަންތަކުގައި މީހުން ހީވާގި ވާތަން ފެނިގެން ދެއެވެ. ނަމަވެސް ގިނަ ފަހަރަށް ރަމަޟާން ވެގެން ދަނީ ހަމައެކަނި އަހަރެމެންގެ ޝެޑިއުލް ބަދަލު ކޮށްލާ މަހަކަށެވެ. އެ މަހަށް ފަހު އަހަރެމެންގެ ހިތްތައް އިހު އޮތް ގޮތަށް ބަދަލުވާ ކަމީ ހިތާމައިގެ ކޮޅެއް ނެތް ކަމެކެވެ. ފަޤީރަކީ ހަޔާތަށް ހެޔޮ ބަދަލެއް ނުގެނެސް ރަމަޟާންމަހާ އަލްވަދާއު ކިޔާ މީހާއެވެ.

މޫރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ.

ޖިބުރީލްގެފާނު ދުޢާ ވިދާޅުވިއެވެ.

"ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް އެމީހާގެ ފާތައް ނުފޮހެވުނު މީހާއަށް ހަލާކު ހުއްޓެވެ!. މި ދުޢާއަށް ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާމީން ވިދާޅުވިއެވެ."

ޔާ ﷲ! ހެޔޮ ހާލުގައި އަހަރެމެން އެމަހާ ބައްދަލު ކުރައްވާ އެމަހުގެ ފުއްސެވުން މިންވަރު ކުރައްވާށިއެވެ. ކުރިއަށް އޮތް ރަމަޟާން މަހަކީ އަހަރެމެންގެ ޙަޔާތަށް ހެޔޮ ބަދަލެއް ގެނެވޭނެ މައްސަރެއެއް ކަމުގައި ލައްވާށިއެވެ. އާމީން!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!