ރިޕޯޓް

ޒުވާން މަންމައެއްގެ އުދާސް: "ދުވަހަކު ވެސް އަދި ކުޑަކޮށް ވެސް ގަބޫލެއް ނުކުރަން ފުލެޓް އަތުލަފާނެއެކޭ"

އާއިޝަތު އަލީނާ ، ދެން އޮންލައިން
ދެން އިމޭޖަސް / އިބްރާހިމް ޝަމްވީލް

ރާއްޖޭގެ ވެރިރަށް މި ފުރަމާލެއަށް އެތައް ބަޔަކު ކޮއްޕާ ގަޅުވާލީ ދިރިއުޅުމުގެ މަޖުބޫރީ ޙާލަތްތަކެވެ. ޒަމާނުއްސުރެ ގެންގުޅުނު މަރުކަޒީ ތަރައްޤީގެ ވިސްނުމުގެ ދަށުން ތަޢުލީމާއި ޞިއްޙަތާއި ވަޒީފާގެ ފުރުސަތުތައް ބޭނުންވާ މީހުންނަށް މި ކޮންކްރީޓް ޖަންގަލި ވީ އެކަމުގެ ޙައްލަކަށެވެ. ހަމައެއާއެކު އެ ބޭނުންތައް ފުދުނު ނަމަވެސް ނުތަނަވަސް ދިރިއުޅުމުގެ ހާއްޔަކަށެވެ.

Ads by STELCO

މިއަދު މާލޭގައި އުފެދިފައިވި އިޖުތިމާއީ އެތައް މައްސަލަތަކުގެ ހަގީގީ ސަބަބަކީ މަރުކަޒީ ތަރައްގީއެވެ. އެކަމުގެ ސަބަބުން ނިކަމެތިކަން ލިބުނީ ހަމައެކަނި ރާއްޖެތެރޭ މީހާއަކަށް ނޫނެވެ. ކުޑަކުޑަ މި މާލޭގެ ބޮޑު އާބާދީގައި ރެފިޔުޖީ ވެފައި ވަނީ މި ވަޒަނަށް އުފަން ކިތަންމެ މީހެކެވެ.

އެފަދަ އެކަކީ މަރިޔަމް (އަސްލު ނަމެއް ނޫން) އެވެ. މާލޭގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ބޯ ހިޔާވަހިކަމެއް ނެތް ދިގު ލިސްޓްގައިވާ ޒުވާނެކެވެ. ބައްޕައަކީ މާލޭ އުފަން ރައްޔިތެއް ނަމަވެސް އޭނާގެ ބިމެއް، ގެދޮރެއް ނެތެވެ. މައިންބަފައިންގެ އަމިއްލަ ބޯ ހިޔާވަހިކަމެއް ނެތި އުޅެ ބޮޑުވީ ކުލީގެ އަޅުންގެ ތެރޭގައެވެ.

2016 ވަނަ އަހަރު މަރިޔަމް ޒަވާޖީ ހަޔާތެއް ފެށީ ލޯބިވެރިޔާއާއެކު ފޮނި ހުވަފެންތައް ދެކެމުންނެވެ. މާލޭގެ ރައްޔިތަކަށް ވީ ނަމަވެސް ފިރިމީހާއަށް ވެސް ގެދޮރެއް ލިބިފައި ނުވާތީ ޒަވާޖީ ހަޔާތުގެ ދުވަސްތައް ގުނަމުން ދިޔައީ ހިތް ފަސޭހަ ، ފުދުންތެރި ދިރިއުޅުމަކަށް މަސައްކަތް ކުރުމުގެ އަޒުމާއެކުގައެވެ. އެ އުއްމީދާއެކުގައެވެ. ދަރީން ހޯދާ ދަރީންނަކީ ކުލީގެ އަޅުންނަށް ނުހެދުމުގެ މާތް ނިޔަތުގައި އެކަމަށްޓަކައި ހިތްވަރު ކުރަމުންނެވެ.

އެ ގޮތުގައި ދުވަސްތައް ހޭދަ ކުރި މަރިޔަމްގެ ދެމަފިރީންގެ އުއްމީދަށް ދިރުން ލިބިގެން ދިޔައީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ބޯހިޔާވަހި ކަމުގެ މަޝްރޫއު ކަމުގައިވާ ހިޔާ މަޝްރޫޢުގެ ފްލެޓަށް ކުރިމަތި ލުމަށް ހުޅުވާލުމާއެކުގައެވެ. އަލަތު ކައިވެނީގެ ކެޓަގަރީއާއި ދަފްތަރުގެ ކެޓަގަރީއަށް މަރިޔަމް ފޯމް ހުށަހެޅިއިރު މަރިޔަމްގެ މައިދައިތަ ވެސް ފްލެޓަށް އެދުނެވެ.

ކައިވެންޏަށް ދެއަހަރުވީ މަރިޔަމްގެ މުޅި ދިރިއުޅުން ބަދަލުވާ ޚަބަރަކާއެކުގައެވެ. ބަލިވެއިން މަރިޔަމަށް ލިބުނީ މިހާތަނަށް ލިބުނު އެންމެ އުފާވެރި އެއް ޚަބަރެވެ. ދަފްތަރުގެ ކެޓަގަރީން އެއް ކޮޓަރީގެ ފްލެޓެއް އޭނާއަށް ލިބުނީއެވެ. ހަމައެހެންމެ ދެ ކޮޓަރީގެ ފްލެޓެއް މައިދައިތައަށް ވެސް ހަމަޖެހުނީއެވެ. އުފަލުން ފޮޅިފައި ތިބި މަރިޔަމްގެ އާއިލާ ބަރުދާސްތު ކުރަމުން ދިޔަ ނިކަމެތި ދިރިއުޅުން ނިމުމުގެ ކައުންޓްޑައުން އެ ހިސާބުން ފެށުނީ ކަމަށް އޭނާ ނިންމިއެވެ.

ވަޒީފާ އަދާ ކުރާ މަރިޔަމްގެ ދެމަފިރީން ދުވާލުގެ ބުރަ މަސައްކަތަށް ފަހު ހިތްހަމަ ޖައްސާލުމަށް ސައިކަލް ބުރު ޖަހާލަން ނިކުންނަ ރޭރޭ ހުޅުމާލޭގެ ފޭސް2 ކައިރިން ދުއްވާލާފައި ދާއިރު ހިތަށް ލިބެނީ ފިނި ކަމެވެ. ޓަވަރުތައް މައްޗަށް އަރަމުން ދިޔަ ވަރަކަށް މަރިޔަމްގެ އުއްމީދުތައް އާވެ ، ހުވަފެން ހަގީގަތަކަށް ވުމުގެ ވަގުތު އައިސް ޖެހޭ ކަމުގެ އިހްސާސްތައް ކުރެވެމުން ދިޔައެވެ. ޒުވާނުންގެ ސަހަރުގައި ދަރީންނާއެކު އުޅޭ އުފާވެރި އެތައް މަންޒަރެއް ހިތަށް ޖަމާވެ ، ފިކުރާ ދުރު ، އަރާމު ނިދި ލިބެން ފެށިއެވެ.

މަރިޔަމްގެ ނިކަމެތި މާޒީގެ ހަނދާންތަކާއެކު ފުލެޓް ކަށަވަރުވުން އޭނާ އަށް ސިފަ ކުރެވުނު ގޮތް ކިޔައި ދިނެވެ.

"އެކަން ވީ ވަރަށް ވަރަށް ބޮޑު ކަމަކަށް"

ހިޔާ މަޝްރޫޢުގެ ދަށުން އެޅި 7000 ފްލެޓަކީ އިންސާނުން ދިރިއުޅެން ކަމުދާ ތަނެއް ނޫން ކަމަށާއި އެއީ ކޮތަރުކޮށިތަކެއް ކަމަށް ވިދާޅުވަމުން ފްލެޓްތައް ދީފައި ވަނީ އޭގެ ޙައްޤު ވެރީންނަށް ނޫން ކަމަށް ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިޙް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނުގެ ވަޢުދަކަށް ވީ މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުމާއެކުު ދެފުށް ފެންނަ އުސޫލުތަކުގެ ތެރެއިން އޭގެ ޙައްޤުވެރީންނަށް ފްލެޓް ދެއްވާނެ ކަމެވެ.

ރައީސްކަމަށް ވަޑައިގެން ، މަދަނީ ޖަމްއިއްޔާތަކުގެ ބައިވެރިވުމެއް ނެތް ގޮތަށް އުފެއްދެވި ފްލެޓް ކޮމިޓީން ދެއަހަރަށްވުރެ ގިނަވީ ފަހުން މި ވަނީ ފްލެޓް ލިބޭނެ މީހުންގެ ފައިނަލް ލިސްޓް އިޢުލާން ކުރައްވާފައެވެ.

އެތައް ގިނަ ފާޑުު ކިޔުންތައް އަމާޒުވި އެ ލިސްޓުން އެއް ކޮޓަރީގެ ފްލެޓްތައް އެކީއެކަށް އުނި ކުރުމުން މަރިޔަމްގެ ހުވަފެނީ "ގަނޑުވަރު" ބިމާ ހަމަވެގެން ދިޔައީއެވެ. ސައިކަލް ބުރު ތަކުގައި ފެނުނު މައްޗަށް އެރި ޓަވަރުތަކަކީ ހަމައެކަނި އޭނާއަށް ލިބުނު ވަގުތީ އުފާވެރި ކަމަކަށްވެ ފުލެޓްގެ ޙައްޤުން މަޙުރޫމްވީއެވެ . އޭނާގެ މައިދައިތައާއި އެތައް ސަތޭކަ ބަޔަކީ ފްލެޓް ޙައްޤު ނޫން މީހުން ކަމަށް ކަނޑައެޅި އެމީހުންގެ އުއްމީދުތައް ފެނަށް ވެގެން ދިޔައީއެވެ. ލިސްޓުން އުނިވީއެވެ. ނުވަތަ އުނި ކޮށްލީއެވެ. ހަމައެއާއެކު ސިޔާސީ ބޮޑުންނާއި ފަނޑިޔާރުންނާއި އެމީހުންގެ އާއިލާތަކަށް "ކޮތަރުކޮށިތައް" ގަނޑުވަރުތަކަކަށް ވީއެވެ.

އަލަތު ކައިވެންޏަށް ފަހު ފްލެޓް ލިބި ފޮނި އުއްމީދުތަކެއް ކުރަމުން ދިޔަ މަރިޔަމްއަށް ދަރިއަކު ވެސް ލިބުނު ފަހުން ފްލެޓް ނުލިބޭނެކަން އެނގުން ވެގެން ދިޔައީ އޭނާއަށް ގަބޫލު ކުރަން ވެސް ދަތިވި ކަމަކަށެވެ. ފްލެޓް ލިބުން ލަސްވެދާނެ ކަމަށް ވިސްނުނު ނަމަވެސް ފްލެޓް ނުލިބޭނެ ކަމަކަށް އޭނާ ދުވަހަކު ވެސް ހިތަކަށް ނާރައެވެ.

"އާ ސަރުކާރު އައުމާއެކު އަބަދުވެސް އިން އަންސަރސެންޓީ ، މިކަން ވަރަށް ޑިލޭ ވާނޭ ، އެހެން އޮތް އަބަދުވެސް ހިތުގައި ، އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ އަތުލަފާނެއެކޭ ، އަބަދުވެސް ހޯޕް އޮތް ކޮންމެ ވެސް ދުވަހަކުން ދޭނޭ ، އެކަމަކު ދުވަހަކު ވެސް ހިތަކަށް ނާރާ އެތަން އަތުލަފާނެއޭ ނުވަތަ ވިއްކާލާފާނެއެކޭ" މާޔޫސްކަމާއެކު މަރިޔަމް ބުންޏެވެ.

މަރިޔަމް ބުނީ ބޯ ހިޔާވަހި ކަމަކީ ކޮންމެ މީހެއްގެ ވެސް ޙައްޤެއް ކަމަށާއި ފްލެޓަށް އެދުނު 22،000 މީހުންނަށް 7000 ފްލެޓް ނުދެވޭނެ ކަން ވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އޭނާގެ ކަންބޮޑު ވުމަކީ ފުލެޓް ދީފައި އަތުލުން ކަމަށާއި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސަޕްލައި އިތުރުކުރުން ކަމަށް މަރިޔަމް ފާހަގަ ކުރިއެވެ. ހަމަ އެގޮތަށް ރައީސް ބަދަލުވި ނަމަވެސް ސަރުކާރުން ނިންމާފައި އޮތް ނިންމުންތައް ބަދަލުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމުގައި މަރިޔަމް ފާހަގަ ކުރެއެވެ.

" ފްލެޓްތައް މަދު ކުރީމަ މައްސަލައަކީ ، ހައުސިން އަކީ ކޮންމެ މީހަކަށް ވެސް ބޭސިކް ރައިޓެއް ، އެކަމަކު މި ސަރުކާރުން މި ކުރި ކަމަކީ ލިބިފައި ހުރި އެއްޗެއް އަތުލުން ، ދުވަހަކު ވެސް އެހެން އެއްވެސް ސަރުކާރަކުން ހިއެއް ނުވޭ ލިބިފައި ހުރި އެއްޗެއް އަތުލިހެނެއް ، މިސާލަކަށް (ރައީސް ނަޝީދުގެ ވެރިކަމުގައި އަޅަން ފެށި) ޗައިނާގެ ފްލެޓްތައް ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައިހެން އަޅުގަނޑަށް ހީވަނީ ، އެއަކަށް(ލިސްޓަކަށް) ބަދަލެއް ނުގެނޭ ، ސަރުކާރަކީ ސަރުކާރު ، ވެރިމީހާ ބަދަލު ވިޔަސް ، ސަރުކާރުގެ އިންޓެންޝަނަކަށް ވާން ޖެހޭނީ ރައްޔިތުން ، ގައުމަކީ ވަކި ޕާޓީއެއް ނޫން ، އެއީ ދިވެހި ރައްޔިތުން ، އެ ވިސްނުން ބަދަލު ވާން ޖެހޭ ، ސިޔާސީ ކަންކަމާހުރެ މިކަންކަން މިވަނީ ، ރައްޔިތުންނާމެދު ރަނގަޅަށް ވިސްނާނަމަ މި ގޮތަކަށް ނުހެދީސް" ދިރުން ހުރި ދިރިއުޅުމަކަށް ކުރި އުއްމީދު ފެނަށް ވެގެން ދިޔަ ގޮތް މަރިޔަމް ކިޔައިދިނީ ހިތްދަތި ކަމާއެކުގައެވެ.

މަރިޔަމް ބުނީ އޭނާ ގަބޫލު ކުރާ ގޮތުގައި އިޚްލާޞްތެރި ނިޔަތެއް އޮތް ނަމަ ސަރުކާރުން ކަންތައް ކުރަންވާނެ ގޮތަކީ ކުރިން އޮތް ލިސްޓަށް ފްލެޓް ދިނުމަށް ފަހު އިތުރު ފްލެޓް އެޅުން ކަމަށެވެ. ނަމަވެސް  އާ ސަރުކާރަށް ވޯޓް ދިން ވަރަށް ގިނަ ބަޔަކީ ޒުވާނުންކަން ފާހަގަކޮށް އެއްކޮޓަރީގެ ފްލެޓްތައް އުނިކޮށް ޒުވާނުންގެ ގިނަ ބައެއް ބޯ ހިޔާވަހިކަމުން މަހުރޫމް ކޮށްލުމަކީ "އެމީހުންގެ ހޯޕްސްގައި ކޮޅުފައިން ޖެހުން" ކަމަށް މަރިޔަމް ފާހަގަ ކުރިއެވެ.

އަދި ހިޔާ މަޝްރޫޢުގެ ކަންތައްތައް ދާ ގޮތުންނާއި އަލަށް އެއްވެސް ފްލެޓެއް އަޅަމުން ނުދާތީ މަރިޔަމް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މަރިޔަމް ބުނީ "މި ސަރުކާރު އޮތްހާ ހިނދަކު ބޯހިޔާވަހިކަމަށް ކުރެވޭ އުއްމީދެއް ނެތް" ކަމަށެވެ.

"ހަމަ ވަރަށް ނާގާބިލް ، ހައުސިން މިނިސްޓަރ އަސްލަމް ވެސް ކަންތައް މިކުރީ ހަމަ އެއްވެސް ވަރަކަށް އިންސާފުވެރި ކޮށެއް ނޫން ، އެއްވެސް ކަހަލަ ޑައިރެކްޝަނެއް ނެތޭ ހައުސިން ކަންތަކުގައި ، ބޯ ހިޔާވަހިކަމޭ ބުނި ވައުދު އެއްކޮށް ފެއިލް ވެއްޖޭ ، ނޮވެމްބަރުގަ މި ސަރުކާރަށް ތިން އަހަރުވާއިރު އެންމެ ހައުސިން ޕްރޮޖެކްޓެއް ވެސް އަދި ނުފެށޭ ، އަޅުގަނޑުމެންނަށް އަޑުއިވޭ ވައުދުތަކުގެ އަޑު ، 2000 ފްލެޓް ، 5000 ފްލެޓް އަޅާނަމޭ ، އެކަހަލަ ހެޑްލައިންތައް ފެނޭ ، އެކަމަކު ތިން އަހަރުވާއިރު އެންމެ ގާބުރިއެއް ވެސް ބޭއްވިތަނެއް ނުފެނޭ ، އެހެންވީމަ ހަމަ ބޭކާރު ދުވަސްތަކެއް މީ" މަރިޔަމް ބުންޏެވެ.

މަރިޔަމްގެ ކުލީގެ ދިރިއުޅުން އަދި އޮތީ ކުރިއަށެވެ. ކުއްޔަށާއި ބިލްތަކަށް 18 ހާސް ރުފިޔާ މަހަކު ދައްކަން ޖެހޭ ކަމަށާއި ދެމަފިރީންނަށް ލިބޭ ފައިސާއިން އެއްވެސް އެއްޗެއް ރައްކާ ނުކުރެވޭކަން ފާހަގަ ކުރަމުން މަރިޔަމް ކުރަމުން ދިޔަ އުއްމީދުތައް އޭނާ އަނެއްކާ ވެސް އާކުރިއެވެ.

"ދަރީން ލިބުމަކީ އެކްސްޕެންސް އެޑްވާ ކަމެއް ، ދެމީހުން ވޯކް ކޮށްގެން ވެސް ދަރިފުޅަށް ބޭނުންވާ ކަންކަން ކުރެވޭ ވަރަށް ބާކީއެއް ނުކުރެވޭ ، ބިލްތަކަށާ ކުއްޔަށް 18 ހާސް ރުފިޔާ މިދައްކަނީ ، އެއީ ކިހާ ބޮޑު އެއްޗެއް ، ހިޔާ ފްލެޓް ލިބުނު ނަމަ އަޅުގަނޑު ދައްކަން ޖެހޭނީ 3 ހާސް ނުވަތަ 4 ހާސް ރުފިޔާ ، އެހެން ކަނޑައަޅާފައި އޮތީ ، އެއީ ކިހާ ބޮޑު އެއްޗެއް އަޅުގަނޑުމެންނަށް ސޭވް ވާނެ ، ކިހާ ބޮޑު ކަންކަމެއް ކުރެވޭނެ ދިރިއުޅުން ކުރިއަރުވަން ، ކުޑަ ބިޒްނަސްއެއް ވިޔަސްއެއް ފެށިދާނެ ، ނުވަތަ ސޭވްކޮށްގެން ތަނަކުން އެޕާޓްމަންޓެއް ގަނެވޭ ވަރު ވެސް ވެދާނެ"

ޒުވާން އުމުރުގައި ޒަވާޖީ ހަޔާތެއް ފެށި މަރިޔަމްގެ އުދާސްތަކާއި އުއްމީދާއި ނާއުއްމީދުގެ ވާހަކަތައް އަދި ކަޅާއި ހުދުގެ ދުވަސްތައް އޭނާ ކިޔައިދިނީ މާޔޫސްކަމާ މޮޅިވެރިކަމާ އެކުގައެވެ. އޭނާގެ މިހާރުގެ ޙާލަތާއި ހިތުގެ ރިހުން ބުނެ ދިނީ ނިކަމެތިކަން އިހްސާސް ކުރެވޭ އަދި މާ އަސަރުގަދަ ވާހަކައެކެވެ.

"ކުލި ދެއްކުމަކީ މީހާ ވަރަށް ނިކަމެތިވާ ކަމެއް ، އެއީ ދުވާލު ހަތަރު ދަމު ވޯކްކޮށްފައި ލިބޭ ހުރިހާ އެއްޗެއް ދޭން މިޖެހެނީ ކުއްޔަށް ، އަދި ބޮޑަށް ދަރިއެއް ލިބި ، ދަރިއަށް ބޭނުންވާ ކަންކަން ނުކޮށްދެވުނީމަ ވަރަށް ދެރަވޭ"

  1. ވަކީލު

    މަރިޔަމް މިހާރު އަލުގަހާލކީވެސް ހަމަތީ ލޮލުން އެއްމެ ފަހަރަކުވެސް ފެންނުހިކޭ.
    އަލުގަނޑުމެން އިބޫއައް ދިން ވޯޓުގެ އަގަކީ ފުލެޓު އަތުލުން.
    އަލުގަނޑު މެން އިބުއާ ޢައް ދިން ވޯޓު އަތުލައިފީމޭ ބުނެފިއްޔާ ޖެހޭނެ ވެރިކަންވެސް ގެއްލެންވެސް ޖެހޭނެ
    އެހާވެސް ދެރަވޭ

  2. ސަން

    މިވެރިކަން ނިމޭތޯ ދުޢާ ކުރޭ

  3. ނާއިލާ

    ފޭސް 2 އަށް ވަނުމުގެ ހުއްދަ ލިބުމުން އެބިމުގަ ހޮޓަލެއް ހުޅުވިވާހަކަ އަޑުއިވުނީމަ ހެދުނު ސައިބޯލަން ފޭސް 2އަށް ދަން . އަހަރެމެން އެއުސްއިމާރާތްތަކަށް ބަލަން ތިބެ އެތައް ހުވަފެނެއް ދެކުނިން . މިހާރު 18ހާހަށް ކުއްޔަށް ހިފާގެންއުޅޭއިރު ލިބޭއާއްމުދަނީއިތުރު ކޮއްގެން ދަރިފުޅަށް ޓިއުޝަން ދީގެން ހުރި 18 ނުފުރޭދަރިފުޅުގެ ތަޢުލީމުފުރިހަމަ ކުރަން އެތައް މަސައްކަތެއް އާއްމުދަނީއިތުރުކުރަން ކުރަން . ދެންތިބި ދެއަންހެންދަރިންގެމަތީތައުލީމަށް ގައުމުން ބޭރަށް ކިޔަވަން ފޮނުވަން އެތައް ޕްލޭނެއް ކޮއްފަވަނީ ފުލެޓް ލިބިއްޖެނަމަ ދިރިއުޅުން ފުލެޓަށް ބަދަލުކޮއް ދަރިންނަށް ތައުލީމު އިތުރަށް ހޯދައިދޭން މިއަދުއެކުދިންނަށް އެގޭނެ އުއްމީދުތަކުގަ ކުލަޖެހެންނެތްކަން. މަންމައަށް ފުލެޓެއް ނުލިބުނު ކަން ކުލީގެ އަޅުންގެެ ގޮތުގަ ދިރިއުޅޭ އެތައް ބައެއްގެ ހުވަފެން މިވަނީވިއްސިވިހާލިވެފަ . އުއްމީދު ތައް ވަޔަށް ބުރުވާލީ މިސަރުކާރުން . ބޮޑެތި ގެދޮރު ތަކުން އާއްމުދަނީހޯދާމީހުންނަށް ފުލެޓް ތައް ނުދީ ގެއެއް ނެތް ހިޔާވަހިކަމެއް ނެތި ދިރިއުޅޭ ބަަޔަކަށް ފުލެޓް ތައް ދިންނަމަ އެތައް ބައެއްގެހިތައް ފިނިކަން އިހްސާސްވާނެ.