ލޯތްބަކީ ފޫހި ފިލުވަން ވާ އެއްޗަކަށް ނުހަދާށެވެ.
ލޯތްބަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ވަރަށް މުހިންމު އެއްޗެއް ކަން ޔަގީނެވެ. ދިިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކޮންމެ މީހަކުވެސް، ކޮންމެވެސް މީހަކު ދެކެ ލޯބިވާނެއެވެ. ލޯބި ވާން ކިތަންމެ ބޭނުން ނުވި ކަމުގައި ވިޔަސް އެއީ އިންސާނާގެ ހިތުގައި އޭނާގެ އިޚްތިޔާރާ ނުލައި އުފެދޭ ވަރުގަދަ ޖަޒްބާތެކެވެ.
މިއަދު އަހަރެމެންނަށް ފެންނަ އެއް މަންޒަރަކީ މަޖަލަށް މީހުންނާ ރައްޓެހިވުމެވެ. ލޯބި ނުވާއިރު ވެސް އަނެކާގެ ގާތުގައި ލޯބިވެޔޭ ބުނާ މަންޒަރެވެ. ހަމައެކަނި އޭނާއަށް އެމީހެއްގެ ފަރާތުން ލިބޭ ވަގުތީ މަންފާއަކަށެވެ. ފޫހި ދުވަސްކޮޅަކަށް ވާތީ ފޫހި ފިލުވާލުމަށެވެ. ނުވަތަ އެހެން މީހަކު ދެރައެއް ދިނުމުން އެ ކަމުގެ ބަދަލު ކޮންމެވެސް މީހެއްގެ ކިބައިން ހިފަނީއެވެ.
ލޯތްބަކީ ކުޅޭ ކުޅޭ އެއްޗެއް ކަމަށް ހީކުރާނީ ވަރަށް ދަށު ދަރަޖައިގެ މީހެއް ކަން ޔަގީނެވެ. އެހެނީ ލޯތްބަކީ ފޫހި ވީމާ ވާން އޮންނަ އެއްޗެއް ނޫނެވެ. އެހެން ނޫނަސް އެއީ ބޭނުންވާ އިރަށް ވެވޭ އެއްޗެއް ވެސް ނޫނެވެ. އެއީ ބޭއިޚްތިޔާރުގައި ވާ އެއްޗެކެވެ. ބައެއް ފަހަރަށް ފުރަތަމަ ނަޒަރުން ލޯބި ވެވޭ ކަމަށް ބައެއް މީހުން ގަބޫލު ކުރި ނަމަވެސް އެކަކު އަނެކަކު ދެކެ ލޯބި ވެވޭނީ އެކަކު އަނެކަކަށް ވަރަށް ބޮޑަށް ދަސްވެގެންނެވެ.
ތިބާ ފޫހި ފިލުވަން މީހަކު ދެކެ ލޯބިވީ ނަމަވެސް އެމީހަކު ތިބާ ދެކެ ވަރަށް ބޮޑަށް ހަގީގަތުގައި ވެސް ލޯބިވެދާނެއެވެ. ތިބާގެ އަސްލު މަޤުސަދަކީ އޭނާއާ އެކު އުޅުން ނޫން ކަން އެނގުމުން އޭނާ ވަރަށް ދެރަވާނެއެވެ. މީހަކަށް ދެރައެއް ދިނުމަށްފަހު އުފަލުގައި އުޅުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން ލޯތްބަކީ ފޫހި ފިލުވަން ވާ އެއްޗަކަށް ނުހަދާށެވެ.