ދީން

މި ތިން ޢަމަލު ޖަމަޢަކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 48 ދުވަހެވެ. އެންމެ ހެޔޮ ޙާލުގައި މި މަހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު އަޅަމެންނަށް ދެއްވާ އެމަހުގެ ރުއްސެވުމާއި ދިންނެވުން އަޅަމެންނަށް މިންވަރު ކުރައްވާށި އެވެ! އާމީން!

Ads by MWSC

ރަމަޟާންމަހަކީ ﷲ ތަޢާލާ ދެއްވާ މަތިވެރި ދެއްވުމެކެވެ. އަގުހުރި ފުރުސަތެކެވެ. އެ އިލާހުގެ އަޅުތަކުންނަށް ޚާއްޞަ ކަންކަމެއް އެ މަހުގައި ލައްވާފައި ވެއެވެ.  މިކަންކަން ޙާޞިލް ކުރެވޭނީ ނިޔަތާއި އަމަލުން އެކަން ޙާޞިލް ކުރަން އެދޭ މީހަކަށެވެ. އެގޮތުން އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވުމާއި ހެޔޮ ޢަމަލުތައް މަތީގައި ދެމި ތިބުމަކީ މިކަންކަން ކާމިޔާބު ކުރެވެން އޮތް މަގެވެ.

ރޯދައަކީ ﷲގެ ޙަޟްރަތުގައި ޚާއްޞަ އަޅުކަމެކެވެ. ހެޔޮ ޢަމަލުތަކާއި އަޅުކަންތަކަށް ޖަޒާ ދެއްވަނީ ﷲ ކަމުގައި ވާއިރު ވެސް ރޯދައަށް ޖަޒާ ދެއްވަނީ އެއިލާހު ކަމަށް ޚާއްޞަކޮށް ވަޙީ ކުރައްވާފައި ވުމާއެކު އެއީ ޚާއްޞަ އަޅުކަމަކަށް ވެއެވެ. ސުވަރުގޭގެ އަށް ދޮރު ކޮޅުތަކުގެ ތެރެއިން ރޯދަވެރީންނަށް ވަކީން ޚާއްޞަ ދޮރުކޮޅެއް ވާކަމީ ރޯދަވެރީންގެ މަތިވެރިކަން ދޭހަ ކޮށްދޭ ކަމެކެވެ.

އެހެން ކަމުން ރަމަޟާން މަހުގެ ބަރަކާތް އެދޭ މީހާ ދަންނައެވެ. ޝައުބާންއާއި ހޯމަ ބުރާސްފައްޗާއި ހަނދުމަހުގެ 13،14،15 ފަދަ ސުންނަތް ރޯދަތައް ހިފުން އާދައަކަށް ހެދުން ހުއްޓެވެ. ރަމަޟާންއަށް ވެވޭ ތަމްރީނަކަށާއި ރޯދައިގެ މަތިވެރިކަން ލިބިގަތުމަށެވެ.

ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. قَالَ (( فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا )). قَالَ أَبُو بَكْرٍ رضى الله عنه أَنَا. فَقَالَ رَسُولُ اللَّهِ -صلى الله عليه وسلم- (( مَا اجْتَمَعْنَ فِى امْرِئٍ إِلاَّ دَخَلَ الْجَنَّةَ )) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މިއަދު ރޯދަވެރިއެއްގެ ގޮތުގައި ހެންނެވީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަން ކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު ޖަނާޒާއެއްގައި ބައިވެރިވީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު މިސްކީނަކަށް ކާން ދިނީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މިއަދު ބަލި މީހަކަށް ޒިޔާރަތްކުރީ ކާކުތޯއެވެ؟ އަބޫ ބަކުރުގެފާނު ދަންނަވައިފިއެވެ. ތިމަންކަލޭގެފާނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިކަންތައްތައް ޖަމަޢަކޮށްފި މީހަކު ސުވަރުގެ ވަންނަ ހުއްޓެވެ.”

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ކިތަންމެ ބަޔަކު މިއަދު މަގުތައް މަތީގައި ސަލާން ޖަހާ ތަން އެބަފެނެއެވެ. ކާއެއްޗަކަށް އެދޭ ތަން ފެނެއެވެ. މީހެއްގެ ޖަނާޒާ އާ ސަހަރާގައި ނެތް ދުވަހެއް މަދެވެ. ރޯދަ ހިފުން ސުންނަތް ދުވަސްތައް ކުރިމަތީގައި ބައިވަރެވެ. އެހެންކަމުން ރަމަޟާނާ ކުރިމަތިލާއިރު ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވާފައިވާ މިފަދަ މަތިވެރި ޚަބަރުތަކުގެ ފައިދާ ނުހޯދަންވީ ކީއްވެތޯއެވެ؟

ޔާ ﷲ! މިފަދަ މަތިވެރި ކަންކަން ޙާޞިލްކޮށް އެ ޙާލަތުގައި އަހަރެމެން ރަމަޟާނާއި ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށިއެވެ. އެމަހުގެ ބަރަކާތާއި ރަޙުމަތް އަހަރެމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން!

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!