ދީން

މަހުޝަރުގެ ބިރުވެރި މައިދާނުގައި މިފަދައިން ތިބާއަށް މުޚާތަބު ކުރެވޭ ހިނދު ، ވިސްނަވާށެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 47 ދުވަހެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ އެ މައްސަރާ ، އެންމެ ހެޔޮ ޙާލުގައި އަޅަމެން ބައްދަލު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާށިއެވެ! އާމީން!

Ads by MWSC

ރަމަޟާން މަހަކީ ﷲ ތަޢާލާގެ ޚާއްޞަ އިނާޔަތެއް އެ އިލާހުގެ އަޅުތަކުންނަށް ވާ މައްސަރެކެވެ. ނަރަކައިގެ ދޮރުތައް ބަންދުކޮށް ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އެ މަހުގެ ކޮންމެ ރެއަކު ނަރަކައިން ބަޔަކު މިންޖު ކުރައްވައެވެ.

މިފަދަ ތަނަވަސް ފުރުސަތެއް ލިބިފައިވާއިރު އެ މަހުގެ ފުއްސެވުމާއި ރުއްސެވުން ނުހޯދިއްޖެ މީހާއަށް ވުރެ ބޮޑު ނިކަމެއްޗަކީ ކޮބައިތޯއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ، صُفِّدَتِ الشَّيَاطِيْنُ وَمَرَدَةُ الْجِنِّ، وَأُغْلِقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ. وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلُّ لَيْلَةٍ ” (رَوَاهُ التِّرْمِذِيُّ وَابْنُ مَاجَه)

މާނައީ”ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުތައް ހުޅުވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ﷲ ގެ އަމުރުފުޅަށް މަލާއިކަތް ބޭކަލަކު ގޮވާލައްވާނެއެވެ. އޭ ހެޔޮކަންތަކަށް އެދޭ މީހާއެވެ! ހެޔޮކަންތަކާވީ ފަރާތަށް އަވަސް ވެގަންނާށެވެ! ނުބައިކަންތައް ކުރާ މީހާއެވެ! ތިޔަ ކަންތައްތަކުން ދުރުވެގަންނާށެވެ! އަދި އެމަހުގެ ކޮންމެ ރެއަކު، ﷲ ނަރަކައިން ބަޔަކު މީހުން މިންޖު ކުރައްވާ ހުއްޓެވެ”.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އާދަމް ޢަލައިހި ސަލާމުން ފެށިގެން ދުނިޔޭގައިވި އެންމެ ފަހުގެ އިންސާނާއާ ހަމަޔަށްވީ ހުރިހާ އިންސާނުން އެއްތަނަކަށް އެއްވާ މަހުޝަރުގެ މައިދާނާމެދު ވިސްނާލައްވާށެވެ. ތިމާގެ ހިސާބު ބެލެވި ނަތީޖާ އިއްވާ ވަގުތާ މެދު ފިކުރު ކޮށްލައްވާށެވެ. އަދި މިފަދައިން ތިބާއާ މުޚާތަބު ކުރެވޭނެ ހިނދަށް ވިސްނުން ގެންދަވާށެވެ.

وَادْخُلِي جَنَّتِي (ފަޖުރު:30)

އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!

ހުރިހާ ވެސް އުފަލާއި ކާމިޔާބަކީ މިއީ ނޫންތޯއެވެ. ކާމިޔާބާއި ފަލާޙް ހޯދުމަށް ރަމަޟާންއަކީ އެފަދަ ދެވަނައެއް ނެތް ފަދަ މައްސަރެކެވެ.

ޔާﷲ! ސުވަރުގޭގެ އަހުލުވެރީންގެ ތެރޭގައި އަޅަމެން އެންމެން ލައްވާށިއެވެ.އާމީން!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!