ޚަބަރު

ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ސީހައުސް އަދި ޕިއްޒާ ބޯނާ އިން ޑިސްކައުންޓް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައި ފަރާތްތަކަށް މާލޭގެ ބައެއް ރެސްޓޯރެންޓުތަކުން ޑިސްކައުންޓު ދޭން ފަށައިފިއެވެ.

Ads by STELCO

އެގޮތުން ރާއްޖޭގެ ނަން މަޝްހޫރު ދެ ރެސްޓޯރެންޓު ކަމަށްވާ ސީހައުސް މޯލްޑިވްސް އަދި ޕިއްޒާ ބޯނާ އިން ވަނީ ބިލް ދައްކާ ވަގުތު ވެކްސިން ކާޑު ދެއްކުމުން ޑިސްކައުންޓް ލިބޭނެ ކަން ހާމަކޮށްފައެވެ.

ސީހައުސް އިން ކުރި ޓްވީޓުގައި ބުނީ ބުރާސްފަތި ދުވަސް ނޫން ކޮންމެ ދުވަހަކު ވެސް، ވެކްސިން ކާޑު ހިފައިގެން ދާ ފަރާތްތަކަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

އެކި ވައްތަރުގެ ޕިއްޒާ ވިއްކުމުގައި ނަން މަޝްހޫރު ޕިއްޒާ ބޯނާ އިން ކުރި ޓްވީޓުގައި ބުނީ އެ ރެސްޓޯރެންޓުގެ ހުރިހާ އައުޓްލެޓަކުން ވެސް ޓޭކްއަވޭއަށް ނަންގަވާ ޕިއްޒާތަކުން 10 އިންސައްތަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

މިއީ ރާއްޖޭގައި ވެކްސިން ޖަހާ ފަރާތްތަކަށް ހާއްސަކޮށް މިފަދަ ކަމެއް ފެށި ފުރަތަމަ ދެ ރެސްޓޯރެންޓެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން 5,085 މީހުންނަށް ވެކްސިން ދީފައި ވެއެވެ. އެއާއެކު ރާއްޖެއިން ޖުމްލަ 80,159 މީހުންނަށް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައެވެ.

އެއީ މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 59,077 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 19,623 މީހަކަށް ވެކްސިން ދީފައި ވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!