އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކާފިއު އުވާލައިފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލައިފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަނުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސާދިގު ވިދާޅުވީ ގުޅިފައިވާ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއު މިރޭ 00:00 އުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ގުޅިފައިވާ ރަށްތަކުގެ ކާފިއު އުވާލިނަމަވެސް، ކުރިއެކޭ އެއްގޮތަށް ހުޅުމީދޫގައި ކާފިއު ހިންގާނެ ކަމަށް ވެސް ސޯދިގު ވިދާޅުވިއެވެ.
އަދި ކާފިއު އުވާލާ ކަން މިރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، ހުޅުމީދޫ ފިޔަވައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކާފިއު އުވާލަން ނިންމާފައިވަނީ މުޖުތަމައު ތެރެއިން ބަލި ނުފެންނާތީ ކަމަށެވެ. އެހެން ނަމަވެސް ހުޅުމީދޫގެ މުޖުތަމައު ތެރޭގައި ބަލި އޮތުމުން އެރަށުގައި އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކަށް ލުޔެއް ނުދޭ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.