ޚަބަރު

"ހާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ އަޅުވެތިވެދާނެ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިންގެ މިނިވަންކަމާ ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ގެއްލެމުން ކަމަށާއި، ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ ދިވެހިރާއްޖެ އަޅުވެތިވެދާނެ ކަމަށް ރިޔާސީ ބަޔާނަށް ދޭ ޖަވާބު އިއްވަވަމުން އިދިކޮޅު ކޯލިޝަނުގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އަދި އެ ޤައުމެއްގެ ޚާރިޖީ ސިޔާސަތާ ގުޅި ލާމެހިފައިވާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް ގެއްލެމުންދާ ކަމަށެވެ. އަދި ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ، ދިވެހިރާއްޖެ އަޅުވެތި ވެދާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ، ދިވެހިރާއްޖެ އަޅުވެތިވެދާނެ. ދިވެހިންގެ މި ކަނޑުގައި ދިވެހި ކާބަފައިން ވާރުތަ ކޮށްދިން ބާރުވެރިކަން ދިވެހިންގެ އަތަކު މިއަދަކު ނެތް. ދިވެހިރާއްޖޭގެ ކަންކަމުގާ އިހުބަސް ވެސް އަދި ފަހުބަސް ވެސް ބުނަން ޖެހޭނީ ދިވެހިން. ދިވެހިންގެ ކަންކަމުގާ ގޮތް ނިންމަން ވާނީ ދިވެހިން. މި ދިވެހި ޤައުމުގެ ކަންކަން ނިންމުމާ ބަސް ބުނުމުގާ އެހެންބަޔަކު އިހުބަސް ބުނުމަކީ ޤައުމުގެ ސިޔާދަތު ގެއްލިފައިވާކަން ހާމަވާ، ބިރުވެރިކަމެއް."

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ދިވެހިރާއްޖެއާ ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުންކަމުގާ ސަރުކާރުން ބުނި ކަމުގައި ވިޔަސް، ބޭރުގެ އަސްކަރިއްޔާއަކުން ރާއްޖެ ހިފަން ގޮވާލި ބަޔަކު ސަރުކާރުގައި ތިބޭހާ ހިނދަކު ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭ ފަދަ އިޚުލާޞްތެރިކަމެއް އޮންނާނެކަމަށް ނުދެކޭ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ  ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް ކަމަށާއި، އެ ކަމަކީ ދިވެހި ޤައުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ބޭރުގެ ބަޔަކަށް ދިވެހި ކަނޑުތަކުގެ ޚަޒާނާ ދިނުން ކަމަށާއި ހައިޑްރޯގުރަފީ ހަދަން ބޭރު ބަޔަކަށް ދިނުމަކީ ޤައުމިއްޔަތުގެ ވިންދު ޖަހާ ހިތެއް އޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއް ނޫން ކަމަށް ވެސް ސަލީމް ވިދާލުވިއެވެ.

  1. ކާލި

    ދިވެހި ރާއްޖެއަކީ އުތީމް ބޮޑުތަކުރުފާން ދޫކޮށްލާފަ ދިޔަ ވަރަށްބޮޑު އަމާނަތެއް، ބޮޑުތަކުރުފާނުގެ ލަޝްކަރު މިއަދު ކޮބައިތޯ ؟