ދީން

މަލާއިކަތުންގެ ހެޔޮ ދުޢާ އާއި ބަދު ދުޢާ ކޮންމެ ދުވަހަކު ލިބިގެންވާ ދެ ބައެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 46 ދުވަހެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ އެ މައްސަރާ ، އެންމެ ހެޔޮ ޙާލުގައި އަޅަމެން ބައްދަލު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާށިއެވެ! އާމީން!

Ads by MWSC

ރަމަޟާން މަހަކީ ﷲ ގެ އަޅުތަކުންނަށް ޚާއްޞަ އިނާޔަތެއް ވާ މައްސަރެކެވެ. އެ މަހުގައި ކުރެވޭ އަޅުކަންތަކުގެ ބަދަލު އެތައް ގުނައަކުން އިތުރު ވެގެންދާ މަހެކެވެ. އެހެން ކަމުން އަހަރެމެންގެ މައްޗަށް އޮތީ އެމަހުގެ ބަރަކާތް ހޯދުމަށް ގަދައަޅާ ހިންމަތް ކުރުމެވެ. ތެދުވެރި ނިޔަތަކާއެކު އެ މަހާ ކުރިމަތިލުމެވެ.

ރޯދަ ހިފުމަކީ ﷲގެ ޙަޟްރަތުގައި ޚާއްޞަ އަޅުކަމެކެވެ. ރޯދަވެރީންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ވާކަމީ މީގެ ދަލީލެކެވެ. ހަމަ އެފަދައިން ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރުމަކީ ﷲ ތަޢާލާގެ ހަޟްރަތުން ގުނާ ޢަދަދު ކުރަން ނޭނގޭ ވަރުގެ ބަދަލެއް ދެއްވާ އަޅުކަމެކެވެ.

އަލްބަޤަރާ ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.

"اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

މީގެ އިތުރުން އައްތަޣާބުންގައި ﷲ ތަޢާލާ ވަޙީ ކުރައްވާ އަންގަވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.

ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحان އެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّه ގެ حضرة ގައެވެ.

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން އެންމެންނަކީ ތަނަވަސްކަމުގެ އަހުލުވެރީންނެއް ނޫނެވެ. ނަމަވެސް ޞަދަޤާތަކީ އެކަން ކުރުމަށް ވަކި މިންވަރެއް ޚާއްޞަ ކަމެއް ނޫނެވެ. އަދި ކިއެއް! ފައިސާއާއި ކެއިން ބުއިން ނޫނަސް ކިތަންމެ ގޮތަކުން ވެސް ޞަދަޤާތް ކުރެވިދާނެއެވެ. އެހެން ކަމުން ކިތަންމެ ކުޑަ މިންވަރެއްގެ ޞަދަޤާތަކުން ނަމަވެސް މިކަމުގެ ބަރަކާތް ހޯއްދެވުމަށް އަވަސްވެ ގަންނަވާށެވެ. ޚާއްޞަކޮށް ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު ޞަދަޤާތަކީ އާދައަކަށް ހެދުމަށް ވެސް މިކަމަށް އިސްކަން ދިނުން މުހިންމެވެ. ފަހެ، އެއީ މަލާއިކަތް ބޭކަލުންގެ ދުޢާ ތިމާގެ މައްޗަށް އަބަދާއި އަބަދު ލިބިލިބި ހުންނާނެ އަޅުކަމެކެވެ. މި ޙަދީޘްގައިވާ ފަދައިންނެވެ.

ދެ އިމާމުން އިއްތިފާޤުން ޞައްޙަ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

مَا مِنْ يَوْمٍ يُصبِحُ العِبادُ فِيهِ إِلَّا مَلَكَانِ يَنْزِلانِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا متفقٌ عَلَيْهِ.

މާނައަކީ: އަޅުތަކުން ހެނދުނުގެ އަލިކަން ދެކޭ ކޮންމެ ދުވަހަކު ދެ މަލާއިކަތުން ފައިބާ ވަޑައިގަންނަވައެވެ. ފަހެ، އޭގެ ތެރެއިން އެއް ބޭކަލަކު ވިދާޅުވެލައްވަތެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު! ހޭދަކޮށް އުޅޭ މީހާއަށް ބަދަލެއް ދެއްވާށިއެވެ! އަދި އަނެއް ބޭކަލަކު ވިދާޅުވެލައްވަތެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު! ހޭދަ ނުކޮށް މުއްބާރު ކުރާ މީހާއަށް، މުދާތަކަށް ނެތިދިޔުމެއް ލައްވާށިއެވެ!

ޔާﷲ! ކުރިއަށް އޮތް ރަމަޟާން މަހުގެ ދަރުމައާއި ބަރަކާތް އަޅަމެންނަށް ލިބުމުގެ ތައުފީގު މިންވަރު ކުރައްވާށިއެވެ. އަޅަމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙް ކުރައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!