ދީން

ފާފަތަކުން ނަފްސު އިސްރާފުކޮށްފައިވާ މީހުންނޭވެ! ތައުބާވާށެވެ. ﷲގެ ރަޙުމަތާމެދު މާޔޫސް ނުވާށެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 45 ދުވަހެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ އެ މައްސަރާ ، އެންމެ ހެޔޮ ޙާލުގައި އަޅަމެން ބައްދަލު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާށިއެވެ. އާމީން!

Ads by Sosun Fihaara

އެ މަހުގެ ޚާއްޞަ ކަމުގެ ވާހަކަތަކަކީ އަޅުގަނޑުމެންނަށް ތަކުރާރުކޮށް އިވެމުންދާ ވާހަކަތަކެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުން މުއުމިންތަކުންނަށް ޚާއްޞަ އިނާޔަތެއް އެމަހުގައި ލައްވާފައި ވެއެވެ. ރަމަޟާން މަހުގައި ޚާއްޞަކޮށް ނަރަކައިން ދިންނެވުމާއި ފާފަ ފުއްސެވުމުގައި ދީލަތިވެ ވޮޑިގެންވާ ކަމަށް ޞައްޙަ ޙަދީޘް ބަސްފުޅުތަކުން އެނގިގެން ދެއެވެ.

މި މަތިވެރިކަމާއި ނިޢުމަތް ޙާޞިލް ކުރަން އެދޭ މީހާއަށް އޮތީ ހިތް ނިޔަތް ޚާލިޞްކޮށް އެމަހާ ކުރިމަތި ލުމަށް އަޒުމް ކަނޑައެޅުމެވެ. ޚާއްޞަކޮށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ، ތައުބާ ވުމާއި އިސްތިޣްފާރު ކުރުން އެއީ އާދައަކަށް ހަދަން ޖެހެއެވެ. ހަމަ އެއާއެކު ހެޔޮ ޢަމަލުތަކުގެ މަތީގައި ޘާބިތު ވެވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ.

މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ފާފަ ކުރެވުމަކީ ތިމާ ﷲގެ މަގުން ފޭވެ ދުރަށް ދާން އޮތް ސަބަބެއް ނޫނެވެ. ޚާއްޞަކޮށް ބައެއް ޒުވާނުން ދެކޭ ގޮތުގައި އެމީހުންނަށް ކުރެވިފައިވާ ގިނަ ފާފަތަކުގެ ސަބަބުން އެމީހުން ހެޔޮ މަގަށް އައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ދަންނައެ! އެއީ ޝައިތާނީ ވަސްވާސް ކަމުގައި ނޫނީ ނުވެއެވެ. އެހެނީ ﷲއީ ދީލަތިވަންތަ އިލާހެވެ.

އެ އިލާހު ވަހީ ކުރައްވާފައި ވެއެވެ.

۞ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ

ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ.

ލޮބުވެތި މުސްލިމުންނޭވެ! ﷲގެ ރަޙުމަތާމެދު ކުޑަކޮށް ވެސް އުއްމީދު ނަގާ ނުލާށެވެ.  އެ އިލާހީ ފާފަ ފުއްސެވުމަށް ލޯބި ކުރައްވާ އިލާހެވެ. އަދި ކިއެއްތަ! ފާފަތަކުން ބަރާވެފައިވާ އަހަރެމެން އެ އިލާހަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާ ވެއްޖެނަމަ ، ފާފަތައް ފުއްސަވާ އެ އަމަލުތަކާ އެއްފަދަ ހެޔޮކަންތަކެއް އަހަރެމެންގެ ފަތްތަކުގައި ލިޔުއްވާނެ ކަމީ ޙަދީޘް ބަސްފުޅުތަކުން ސާފުކޮށް ފެންނާން އޮތް ކަމެކެވެ.

އެހެންކަމުން ކުރިމަތިވަމުން އަންނަ ރަމަޟާނާ ބައްދަލުވާން ކުޑަތަން ވަމުންދާއިރު ތައުބާވެ ހެޔޮ ޢަމަލުތައް މަތީގައި ދެމި ތިބުމަށް ވަޞިއްޔަތް ކުރަމެވެ. އެންމެ ހެޔޮ ހާލުގައި އެ މަހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށިއެވެ. އަދި އެ މަހުގެ ރުއްސެވުމާއި ފުއްސެވުން އަޅަމެންނަށް ދެއްވާށިއެވެ. އާމީން!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!