ޚަބަރު

ﷲގެ ރަހުމަތްފުޅު ނުވާނަމަ މި ދުނިޔެމަތީގައި އެެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެ:ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން އިންސާނުންނަށް ދުނިޔޭގައި އުޅޭއިރު ނޭނގުމެއްގެ ތެރޭގައި އަދި އެނޫން ގޮތްގޮތަށް ވެސް ފާފަތަކަށް އަރައިގަނެވެއެވެ. އަދި އެކަންކަމާމެދު ފަހުން ވިސްނައި ހިތާމަ ކުރެވެއެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް މާޔޫސް ނުވުމަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. އެކަލާނގެ ރަހުމަތްފުޅު އެކަލާނގެ އަޅުތަކުންގެ މައްޗަށް ތަނަވަސް ވެގެން ވާ ކަމުގައި ވަނީ އަންގަވާފައެވެ. އެހެން ކަމުން ހާސް ފަހަރު ފާފަ ކުރެވިފައި ވީ ނަމަވެސް ﷲގެ ހަޒްރަތަށް ރުޖޫއަވާން ފަސް ޖެހިގެން ނުވާނެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ﷲގެ ތަނަވަސް ރަހުމަތްފުޅު" އެވެ. އެގޮތުން މައިމީހާ، އޭނާގެ ތުއްތު ދަރިފުޅަށް ރަހުމްކު ރާ ވަރަށްވުރެ މާ ބޮޑަށް ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާތެރިވެ ވޮޑިގަންނަވާ ކަމުގައި ހުތުބާގައި ފާހަގަ ކުރިއެވެ. އަދި މި ދުނިޔޭގައި ﷲގެ ރަހުމަތްފުޅު ވަނީ އެންމެހައި އަޅުތަކުންގެ މައްޗަށް އާންމުވެ، ޝާމިލުވެގެން ކަމަށާއި އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް އުފައްދަވާފައިވަނީ އެ ތަކެތީން އިންސާނުންނަށް ފައިދާ ލިބިގަތުމަށް ޓަކައި ކަމުގައި ވެސް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައި ވަނީ ﷲ ތަޢާލާގެ ރަހުމަތްފުޅު ނުވާނަމަ މިދުނިޔެ މަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެ ކަމަށެވެ. އަދި އެކަލާނގެ ތަނަވަސް ރަހުމަތްފުޅާ ނުލައި އެއްވެސް މީހަކަށް ބޯނޭ ފެންފޮދެއް ވެސް ނުލިބޭނެ ކަމަށާއި އެއްވެސް މީހަކަށް ޝިފާއެއް ވެސް ނުލިބޭނެ ކަމަށް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

"އަޅުގަނޑުމެންނަށް ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުން އެއްވެސް ގޮތަކަށް މާޔޫސް ވާކަށް ނުޖެހެއެވެ. ގިނަ ފާފަތަކެއް ކުރެވިފައި ވީ ނަމަވެސް އިޚްލާސްތެރިކަމާއެކު ތައުބާވެ، ހެޔޮ ޢަމަލުތައް ކުރުމުން އެންމެހައި ފާފަތައް ﷲ ފުއްސަވައިދެއްވާނެ ކަން ވަނީ އަންގަވައިފައެވެ. ހެޔޮ ޢަމަލު ގިނަ ކުރުމަކީ ފާފަ ފޮހެވިގެންދާނޭ ކަމެކެވެ." ހުތުބާގައި އިތުރަށް ބުނެފައި ވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ނުބައިކަމެއް ކޮށްފި މީހަކަށް އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ނުލިބޭއިރު، މީހަކު ހެޔޮއަމަލެއް ކޮށްފި ނަމަ އެ އަމަލެއްގެ ޘަވާބު ދިހަ ގުނައިން ފެށިގެން ހަތް ސަތޭކަ ގުނައަށް އިތުރު ކޮށްދެއްވާ ކަމަށެވެ. އަދި މިކަމުން ވެސް ﷲގެ ރަހުމަތް ތަނަވަސް ވެގެންވާ މިންވަރު އެނގިގެންދާ ކަމަށް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!