އިދިކޮޅު އެއްވުމުން 200 އެއްހާ މީހުން ހައްޔަރުކޮށްފި: އަދުރޭ
އިދިކޮޅުން މިއަދު ބާއްވަން ނިންމާފައިވާ ސުލްހަވެރި މުޒާހަރާ ނުފެށެނީސް މިހާތަނަށް 200 އެއްހާ މެންބަރުން ހައްޔަރު ކޮށްފައިވާ ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މުޒާހަރާ ފެށުމުގެ ކުރިން ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ފުލުހުން ސަރުކާރުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވުން ހުއްޓާލުމަށް ގޮވާލާފައެވެ.
އެގޮތުން އަދުރޭ ވިދާޅުވީ އިދިކޮޅުން އެއްވެ އުޅުމުގެ ހައްގަށް ހުރަސް އަޅާފައިވާ ކަމަށާއި މިހާތަނަށް މަޖިލިސް މެންބަރުންނާއި ކައުންސިލް މެންބަރުން ހިމެނޭހެން އިދިކޮޅުގެ 200 މެންބަރަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މުޒާހަރާއަށް ހުރަސް އެޅި ނަމަވެސް 04:15 ގައި އިދިކޮޅުން މުޒާހަރާ ފަށާނެ ކަމަށެވެ.
ފުލުހުން ވަނީ އިދިކޮޅުގެ މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށާފައެެވެ. އަދި މީހުންނަށް ނުވަދެވޭނެ އެ ސަރަހައްދު ބަންދުކޮށް އެ ސަރަހައްދަށް ވަންނަ ހުރިހާ ގޯޅިއެއް ވެސް ވަނީ ބަންދުކޮށްފައެވެ.
އިދިކޮޅުން މިއަދު ބާއްވާ މުޒާހަރާއަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުގައި ހުންނެވުމާއި، ރައްޔިތުންގެ އެތައް ޙައްޤުތަކެއް ސަރުކާރުން ނިގުޅައިގެންފައި ވާތީ އެ ކޯލިޝަނުން ބާއްވަމުން ގެންދާ "އިންސާފު ކޮބާ؟"އަދި "ކޮބާ މަގޭ ފްލެޓް ؟" ގެ ސިލްސިލާގެ ދަށުން ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއެކެވެ.