ފުލުހުންގެ ބަޔާން ގާނޫނު އަސާސީއާ ތައާރުޒުވޭ: ޝިޔާމް
މިއަދު އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ރާވާފައިވާ މުޒާހަރާ ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވަމުން އަންނަ ސަރައްހަދުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ފުލުހުން ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާވުމަކީ ވަރަށް ހަޑި މަންޒަރެއް ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ފުލުހުން މުޒާހަރާ ބައިވެރިންނާ ކުރިމަތިލުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެވެ.
"ގާނޫނު އަސާސީއާ ހިލާފަށް ދޭ އިންޒާރަކަށް ތަބާނުވާށޭ. ދިވެހި ރާއްޖެއަށް ވެސް ހަޑި. މި މުޖުތަމައުއަށް ވެސް ހަޑި، އަދި ބައިނަލްއަގްވާމީ މުޖުތަމައުއަށް މާ ހަޑި މި މަންޒަރު. އެހެންކަމުން މިކަންކަން ހުއްޓާލާށޭ" ފުލުހުންނަށް ނިސްބަތްކޮށް ޝިޔާމް ވިދާޅުވިއެވެ.
އަދި އެއްވެސް ބައިވެރިއަކަށް އަނިޔާވާނެ ފަދަ ގޮތަކަށް ފުލުހުން އަމަލު ނުކުރުމަށް އިލްތިމާސްކޮށް ޝިޔާމް ވިދާޅުވީ މިއަދު ފުލުހުން ލައްވާ ގޯސް ހައްދަވަން އުޅުނު ނަމަވެސް ފުލުހުންނަކީ އަނިޔާވެރި ބައެއް ނޫން ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ކަން ކުރައްވާ ބޭފުޅެއް ނަމަ ރައްޔިތުންގެ އަޑުއެހުމުގެ ގާބިލްކަން ހުންނަން ޖެހޭނެ ކަމަށެވެ. ޝިޔާމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ އެގާބިލް ކަން ނެތް ނަމަ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.
އިދިކޮޅުން މިއަދު ބާއްވާ މުޒާހަރާއަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުގައި ހުންނެވުމާއި، ރައްޔިތުންގެ އެތައް ޙައްޤުތަކެއް ސަރުކާރުން ނިގުޅައިގެންފައި ވާތީ އެ ކޯލިޝަނުން ބާއްވަމުން ގެންދާ "އިންސާފު ކޮބާ؟"އަދި "ކޮބާ މަގޭ ފްލެޓް ؟" ގެ ސިލްސިލާގެ ދަށުން ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއެކެވެ.