ދީން

ހެޔޮކަންތައް ކުރުން މާދަމާއަށް ފަސްކުރާ މީހާ ދަންނައެ! ކޮންމެވެސް އެއް ދުވަހަކުން މާދަމާއެއް ނާންނާނެއެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 42 ދުވަހެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ އެ މައްސަރާ ، އެންމެ ހެޔޮ ޙާލުގައި އަޅަމެން ބައްދަލު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާށިއެވެ. އާމީން!

Ads by Sosun Fihaara

ރަމަޟާން މަހުގެ ދިންނެވުމާއި ރުއްސެވުން އެދޭ މީހާ ދަންނައެ! އެއްވެސް ކަމަކީ ހަމައެކަނި ތިމާ އެދޭ އެދުމަކުން ޙާޞިލްވާނޭ ކަމެއް ނޫނެވެ. އެކަމަށް އޮތީ އިޚްލާޞްތެރި ނިޔަތާއެކު މަސައްކަތް ކުރުމެވެ. ތައުފީގު ދެއްވާނީ ﷲ ތަޢާލާއެވެ.

އަހަރެމެންނަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. ރަމަޟާން މަސް ފެށުމާއެކު މިސްކިތްތައް ފުރި ބާރުވެއެވެ. އެ މަސް ހަމަ ނިމުމާއެކު މިސްކިތް ފަޅުވާން ދޫކޮށްލައެވެ. ހަމައެކަނި ރަމަޟާން މަހަށް އަޅުކަން ކުރާ ފަދައިންނެވެ.

ލޮބުވެތި މުސްލިމުންނޭވެ. ރަމަޟާން މަހުގެ ބަރަކާތް ފުރިހަމަ ގޮތުގައި ހާސިލް ކުރެވޭނީ މިއަދު ، ހަމަ މިހައިރުން ފެށިގެން ހެޔޮކަމުގެ މަގަށް އެނބުރިގެންނެވެ. މާދަމާއަށް ނުވަތަ އަންނަ ރަމަޟާން މަހަށް ކަންކަން ފަސް ކުރާ މީހާ ދަންނައެވެ. ތިބާގެ ފަހަތުން މަރު އެބައާދެއެވެ. ކޮންމެ ވެސް އެއް ދުވަހަކުން ތިބާއަށް މާދަމާއެއް ނާންނާނެއެވެ. އެހެން ކަމުން ހެޔޮކަމަށް އަވަސްވެ ގަންނަންވީ ލިބިފައި މިވާ ވަގުތުގައެވެ. ގައިގައި ވަރުހުރި ، ދިރިހުރި މި ވަގުތުއެވެ.

ޔާﷲ! ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާންދޭވެ. އަދި ހެޔޮ ކަމުގެ މަގުގައި އަޅަމެން ޘާބިތު ކުރައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!