އިންޓަނެޓު އަގުހެޔޮ ކުރާނެ ތާރީޚާއި ޕޮލިސީ ނިންމަވާނީ ރައީސް އޮފީހުން: މަލީހް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރާ ދެމެދު އޮތް ކޯޅުމުގެ ހަނގުރާމައިގެ މައިދާނަކަށް، ދައުލަތުގެ ވަޒީރުން ނުހެދުމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުގައި މަލީހު ވިދާޅުވީ އެމަނިކުފާނު ވަކި ކުރައްވާނަމަ އިންސާފުގެ މަގުން އެކަން ކުރެއްވުމަށް ދަންނަވާކަމަށެވެ. އެގޮތުން މަލީހު ވަނީ ވަޒީރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިފައިވީ ކަމުގައި ވިޔަސް ދޮގާއި އިލްޒާމު އަޅުވައި އެކަން ނުކުރެއްވުމަށް މަޖިލީހަށް އިލްތިމާސްކުރައްވާފައެވެ.
އިންޓަނެޓު އަގު ހެޔޮ ނުކުރާ ވާހަކަތަކަށް ރައްދު ދެއްވައި މަލީހު ވިދާޅުވީ އެކަމާ ގުޅިގެން އެ މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ވާނީ ކޮށްފައި ކަމަށެވެ. އަދި އިންޓަނެޓު އަގުހެޔޮ ކުރާނެ ތާރީޚާއި ޕޮލިސީ ނިންމަވާނީ ރައީސް އޮފީހުން ކަމުގައި ވެސް މަލީހު ވިދާޅުވިއެވެ.
މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އެ މިނިސްޓްރީއާއި މަތިކުރެއްވި އެއްވެސްކަމެއް ނުކުރައްވާ ދޫކޮށްލާފައި ނުވާނެ ކަން ފާހަގަކުރައްވައި މަލީހު އިތުރަށް ވިދާޅުވީ އެ މިނިސްޓްރީއަކީ މިސަރުކާރުގައި މުޅިން އަަލަށް އުފެދުނު ވުޒާރާއަކަށް ވީހިނދު، އެތަން ފުރަތަމަ އޮތީ ބައު ގުދަންގަނޑެއްގޮތަށް ކަމަށާއި އެތަނަކީ އިންސާނުން މަސައްކަތް ކުރަން ހެޔޮވާވަރު ހާލަތެއްގައި އޮތް ތަނެއް ވެސް ނޫން ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ ބުރަ މަސައްކަތުން މިހާރު އެތަން ދައުލަތުގެ ވުޒާރާއަކަށް ހަދާފައިވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.
"54 މުވައްޒަފުން ތިބޭ ތަނަކު ތިއްބެވީ 18 މުވައްޒަފުން. އެކަމުގެ ޒިންމާ ނަގަން ޖެހޭނީވެސް އަޅުގަނޑުތޯ؟.މުވައްޒަފުން ނުދިންނަމަވެސް، ބައު ގުދަންގަނޑެއް ދިންނަމަވެސް، ވުޒާރާއެއް ހިންގުމަށް 15 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނަސް އެއްވެސް ކަމެއް ނުކޮށް ނޯންނާނެ." މަލީހު ވިދާޅުވިއެވެ.
މަލީހު އިތުރަށް ވިދާޅުވީ ދައުލަތުގެ މިނިސްޓްރީއެއް އެތަނުގެ ފޮޅާ ސާފުކުރާ މީހުން ބުނާގޮތަށް ނުހިންގޭނެ ކަމަށާއި ހިންގަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ވަޒީރާ ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށާއި، މަޖިލީހުގައި އަމިއްލަފުޅަށް ސަރުކާރާ ދެކޮޅު ފެކްޝަނެއް އުފައްދައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވަމުން މަސައްކަތްކުރުމަކީ ރިޔާސީ ނިޒާމްގެ މަފްހޫމާއި ޚިލާފްކަމެއްކަމަށެވެ.
އަދި މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރާ އޮތް ކޯޅުމެއްގައި ހަނގުރާމަ ކުރާ މައިދާނަކަށް ވަޒީރުން ނުހެއްދެއްވުމަށް ގޮވާލާ މަލީހު ވިދާޅުވީ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.