ދީން

ރޯދަވެރިޔާއަށް ﷲ ތަޢާލާ އަޖުރު ދެއްވަނީ ހިސާބަކާ ނުލައެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 41 ދުވަހެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ އެ މައްސަރާ ، އެންމެ ހެޔޮ ޙާލުގައި އަޅަމެން ބައްދަލު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާށިއެވެ. އާމީން!

Ads by Sosun Fihaara

މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ކުރިމަތީގައި އޮތީ ބަރަކާތްތެރި މައްސަރެކެވެ. ދަރުމައާއި ޘަވާބުން ފުރިގެންވާ މައްސަރެކެވެ.ރޯދައިގެ މަތިވެރިކަމުގެ ތެރެއިން ހިމެނިގެންދާ ކަންތައްތަކުގެ ތެރެއިން، ފާފަތައް ފުހެވުމުގެ ސަބަބެއް ކަމުގައާއި، ފާފަތަކަށްވާ ކައްފާރާއެއް ކަމުގައި ރަމަޟާން މަހުގެ ރޯދަވުން ހިމެނިގެން ވެއެވެ.

ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ))[1]

މާނައީ: “އީމާންވެހުރެ، (ﷲގެ ޙަޟްރަތުން) ޘަވާބާއި ދަރުމައަށް އެދޭ ހާލު ރަމަޟާން މަހުގެ ރޯދަ ހިފައިފިމީހާ ދަންނާށެވެ! އޭނާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިގެންދާނެއެވެ.”

އެބަހީ؛ ﷲއަށް އީމާންވެ އަދި އެއިލާހު އޭނާގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވިކަމުގެ މައްޗަށް ރުހޭ ހާލު، ޘަވާބާއި ދަރުމައަށް އެދި، އަދި ރޯދަ ފަރުޟު ކުރައްވާފައިވާ ކަމުގެ މައްޗަށް އެއްވެސް ނަފުރަތްތެރިކަމެއް ނެތި، އަދި ރޯދައިގެ ޘަވާބާއި ދަރުމައާމެދު އެއްވެސް ޝައްކު ކުރުމަކާއި ނުލައި ރޯދަ ހިފާ މީހުންނެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާދެއްވައެވެ.

ރޯދައިގެ މަތިވެރިކަމަށް ބަލައިލާއިރު، އެ މަތިވެރިކަމުގެ ތެރޭގައި، ރޯދައިގެ ޘަވާބަށް ވަކި އަދަދެއް އައްޔަން ކުރެވިފައި ނުވުން ހިމެނިގެންވެއެވެ. އަދި ކިއެއް ހެއްޔެވެ. ރޯދަވެރިޔާއަށް ﷲ ތަޢާލާ އަޖުރު ދެއްވަނީ ހިސާބަކާ ނުލައެވެ.

ބުޚާރީއާއި މުސްލިމް، އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާކުރެއްވިއެވެ.ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި  ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

((قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ وَالصِّيَامُ جُنَّةٌ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلاَ يَرْفُثْ يَوْمَئِذٍ وَلاَ يَسْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّى امْرُؤٌ صَائِمٌ. وَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللَّهِ يَوْمَ الْقِيَامَةِ مِنْ رِيحِ الْمِسْكِ وَلِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ بِفِطْرِهِ وَإِذَا لَقِىَ رَبَّهُ فَرِحَ بِصَوْمِهِ)) [3]

މާނައީ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ” އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއް ވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެރޯދަ ވަނީ ތިމަން އިލާހަށެވެ. އަދި އެރޯދައަށް ޖަޒާ ދެއްވާނީ ވެސް ތިމަން އިލާހީމެވެ. އަދި ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި ހުތުރު ވާހަކަ ނުދައްކާށެވެ. އަދި ޒުވާބުކޮށް ހަޅޭއްލަވާ ނަހަދާށެވެ. ފަހެ މީހަކު ހަޑި ހުތުރު ބަސްބުނެފިނަމަ ނުވަތަ ތަޅާފޮޅައި ހަދައިފިނަމަ ބުނާށެވެ. ހަމަކަށަވަރުން އަހަރެންނަކީ ރޯދަވެރިއަކީމެވެ. ތިމަން ކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތް ޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. ރޯދަވެރިޔާ އަނގައިން ދުވާ ވަސް ﷲގެ ޙަޟްރަތުގައި ގޮަމަކަސްތޫރީގެ ވަހަށްވުރެ މީރެވެ. ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އޭނާ ރޯދަވީއްލާ ހިނދު އުފާކުރެއެވެ. އަދި ﷲ އާއި ބައްދަލުވާ ހިނދު އުފާކުރެއެވެ.”

އަދި އިމާމް މުސްލިމްގެ ރިވާޔަތެއްގައިވެއެވެ.

((كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ بعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ تعَالَى إِلاَّ الصَّوْمَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِى))[4]

މާނައީ:” އާދަމުގެ ދަރިޔާ ކުރާ ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ގުނައިން ފެށިގެން ހަތް ސަތޭކަ ގުނައަށް އިތުރު ކުރެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން އެ ރޯދަ ވަނީ ތިމަން އިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީ ވެސް ތިމަން އިލާހީމެވެ. އޭނާ ޝަހުވަތާއި ކެއުންބުއިން ދޫކޮށްލީ ތިމަން އިލާހަށްޓަކައެވެ.”

މުސްލިމް އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ ކުރިމަތީގައި އޮތީ މިފަދަ މާތް މައްސަރެކެވެ. މި މައްސަރުގެ ބަރަކާތް ހާސިލް ކުރެވޭނީ އެކަމަށް ތައްޔާރު ވެގެންނެވެ. ހިތް ނިޔަތް ޚާލިޞްކޮށް ހެޔޮ ޢަމަލުތައް ކުރުން މަތީ ޘާބިތު ވެގެންނެވެ.

ޔާﷲ! ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާންދޭވެ. އަދި ހެޔޮ ކަމުގެ މަގުގައި އަޅަމެން ޘާބިތު ކުރައްވާށިއެވެ. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!